ކުޅުދުއްފުށީ ބޯޒިޔާރަތް ބީޗު ހުޅުވުން މިރޭ، ލައިވް މިޔުޒިކާއެކު ހަވާ އަރުވާނެ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު މިރޭ ހުޅުވަން ނިންމާފައިވާއިރު، މިކަމަށްބާއްވާ ރަސްމިއްޔާތުގައި ލައިވް މިޔުޒިކާއެކު ހަވާ އެރުވުން އޮންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި މިކަމަށް ބާއްވާ ރަސްމިއްޔާތު ފަށަން ނިންމާފައި ވަނީ މިރޭ (27 ޑިސެމްބަރ 2025) 20:30 ގައެވެ.
މި ރަސްމިއްޔާތު ރާއްޖޭގެ ޕްރައިވެޓް ޓީވީ ޗެނަލެއްކަމަށްވާ ''އެސް.އެސް.ޓީ.ވީ'' މެދުވެރިކޮށް ލައިވް ކުރާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މި މަޝްރޫޢުގައި ބޯޒިޔާރާތް ބީޗް ސަރަހައްދުގައި، އެންޓްރެންސް ވީލްޗެއަރ އެކްސެސްއާއިއެކު ތަރައްޤީކޮށް، ބައުންޑަރީ ވަކިކޮށް، ފާހަނަބަރި، ބީޗް ހަޓް، ބާބަކިއު އޭރިއާ، ޝަވަރާއި، ކުޑަކުދިންނަށް ހާއްސަ ތަނަކާއި، ނަމާދު ކުރެވޭނެ އިންތިޒާމާއި، ވޯކްވޭއެއްގެ އިތުރުން ސަރަހައްދުގެ ލޭންޑްސްކޭޕިންގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
ކުޅުދުއްފުށި ސިޓީގެ ބޯޒިޔާރަތް ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން 21 މާރިޗް 2025 ގައި ހަވާލުކޮށްފައި ވަނީ ބެންޒީ ޕްރައިވޭޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އަގަކީ 3،378،000.24 ރުފިޔާއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ރަށުގެ އިރުމަތީފަރާތުގައި ތަރައްގީކުރި ''ގަލަދުން ޕާކު'' ވެސް ވަނީ މި މަހު ހުޅުވާފައެވެ. ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ކުޅޭ އޭރިޔާއަކާއި، 125 މީހުންގެ ޖާގައިގެ އޯޕަން ސްޓޭޖެއް (ކުދިކުދި ހަފްލާތަކަށް ޚާއްސަކުރެވިފައިވާ)، އާއިލީ އެއްވުންތަކަށް ހާއްސަކުރެވިފައިވާ ދެ މައިޒާނާއި، ޕާޓީތަކަށް ހާއްސަ ޕެވީލިއަނަކާއި، ސްޓޯރޫމަކާއި އެކު ފާހާނާ ބްލޮކެއް ވެސް ހިމެނޭ މި ޕާކު ހުޅުވާފައި ވަނީ 4 ޑިސެމްބަރު 2025 ގައެވެ.
ގަލަދުން ޕާކް ތަރައްޤީކުރުމުގެ މަސައްކަތަށް ޖުމްލަ 2,697,589.06 ރުފިޔާ ހަރަދުކޮށްފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ބެންޒީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގެ މަށިކުޅިީގައި ވަރަށް ހިތްގައިމު ވިއުވިންގ ޕްލެޓްފޯމެއް ތަރައްގީކޮށް 10 ސެޕްޓެމްބަރު 2025 ގައި ހުޅުވާފައިވާއިރު، ބައެއް މައިޒާންތައް ވެސް ސިޓީ ކައުންސިލުން ވަނީ ތަރައްގީކޮށްފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ