މެކްސިކޯގެ ރައީސާ ކާޓެލްތަކާ ގުޅުން އޮންނަ ކަމަށް މަސްކު ބުނުމުން، ފިޔަވަޅު އަޅަނީ

މަސްތުވާތަކެތީގެ ކާޓެލްތަކާ މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމްއާ ގުޅުން އޮންނަ ކަމަށް މަހުޖަނު އިލޮން މަސްކު ތުުހުމަތުކުރުމާ ގުޅިގެން އޭނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވިސްނާ ކަމަށް ޝެއިންބަމް ވިދާޅުވެއްޖެއެވެ. މެކްސިކޯގެ ސަލާމަތީ ބާރުތަކުން ވަނީ، އެ ގައުމުގެ އެންމެ ނުރައްކާތެރި އެއް ޑްރަގް ކާޓެލް، ޖަލިސްކޯ ނިއު ޖެނެރޭޝަންގެ ލީޑަރު ނެމެސިއޯ އޮސެގުއޭރާ (އެލް މެންޗޯ) މަރާލައިފައެވެ. އެ ހާދިސާއާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި މަސްކު ވަނީ މިދިޔަ އަހަރު ޝެއިންބަމް، ކާޓެލް ހަމަނުޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާ ވީޑިއޯއެއް ޕޯސްޓުކޮށްފައެވެ. އަދި އެ ވީޑިއޯގައި ޝެއިންބަމް އެ ވިދާޅުވަނީ، ކާޓެލް ބޮސް ބުނާ އެއްޗެއް ކަމަށް މަސްކު ލިޔެފައިވެއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ދީފައެއްނުވެއެވެ. "އަޅުގަނޑުމެން މި ވިސްނަނީ ގާނޫނީ ފިޔަވަޅު އަޅަން ސަރުކާރުގެ ވަކީލުން މިހާރު ދަނީ އެ މައްސަލަ ބަލަމުން." ނޫސްވެރިންވެ ބައްދަލުވުމުގައި ޝެއިންބަމް ވިދާޅުވިއެވެ. އެ ވީޑިއޯގައި ޝެއިންބަމް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައަކަށް އެނބުރި ދިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކުރީގެ ރައީސް ފެލިޕޭ ކަލްޑެރޮން އިސްކޮށް ހުންނަވައިގެން ކާޓެލްތަކަށް 2006 ވަނަ އަހަރު ދިން އަސްކަރީ ހަމަލާގެ ސަބަބުން ގޭންގްތައް ބައިބައިވެ ލޭއޮހޮރުވުންތައް ހިނގިއެވެ. މެކްސިކޯގެ ރައީސް ކްލޯޑިއާ ޝެއިންބަމް. ފޮޓޯ/ރޮއިޓާސް އެލް މެންޗޯއާ ދެކޮޅަށް ސަރުކާރުން ހިންގި އޮޕަރޭޝަނަށް ފަހު ކާޓެލްތަކުން ހަމަނުޖެހުން އުފައްދާނެ ކަމަށް ލަފާކުރި ކަމަށާއި ނަމަވެސް ބޭނުންވަނީ ހަނގުރާމައަކަށް ނުގޮސް ސުލްހަ ގާއިމު ކުރުން ކަމަށް ޝެއިންބަމް ވިދާޅުވިއެވެ. އެލް މެންޗޯ މަރާލުމުން އޭނާގެ ކާޓެލް މީހުން ވަނީ ހަތިޔާރާ އެކު ނުކުމެ ބޮޑެތި ހަމަނުޖެހުންތައް ހިންގާފައެވެ. އެ މީހުން ވަނީ އުޅަނދުތަކާއި އިމާރާތްތަކާއި ޕެޓްރޯލް ޝެޑްތަކުގައި ވެސް ހުޅުޖަހާފައެވެ. އަދި އެއާޕޯޓަކަށް ވަދެ އެ ތަނުގެ މީހުން ނެރެ، އެ ތަނުގެ ކޮންޓްރޯލް ހޯދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް އާންމުވެފައިވެއެވެ. އެލް މެންޗޯ އަކީ މެކްސިކޯގެ އިތުރުން އެމެރިކާއިން ވެސް ހޯދަމުންދިޔަ، މުޅި ދުނިޔެއިން ވެސް އެންމެ ނުރައްކާތެރި އެއް ކުށްވެރިޔާގެ ގޮތުގައި ބެލެވުނު މީހެކެވެ. އޭނާ ހައްޔަރުކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާ ސަރުކާރުން 15 މިލިއަން ޑޮލަރުގެ އިނާމެއް ވެސް އޮތީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ