ވޯލްޑް ބޭންކުގެ ސަސްޓެއިބަނަލް ޑިވެލޮޕްމަންޓް ފައިނޭންސިން ޕޮލިސީގެ ދަށުން ލިބެން އޮތް 33.7 މިލިއަން ޑޮލަރުގެ އެހީ ނުލިބި ގެއްލިއްޖެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޯލްޑް ބެންކުގެ 33.7 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ގެއްލުނީ ދައުލަތުގެ މާލިއްޔަތު މެނޭޖްކުރުމަށް މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތާއި، ހާއްސަކޮށް ދަރަނި މެނޭޖްކުރުމުގައި ފެއިލްވުމުގެ ސަބަބުން ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ވޯލްޑް ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސިން ޕޮލިސީގެ ދަށުން ލިބެން އޮތް 33.7 މިލިއަން ޑޮލަރު (519 މިލިއަން ރުފިޔާ) ގެ އެހީ ނުލިބި، ގެއްލިގެން ހިނގައްޖެކަމުގެ މައުލޫމާތު އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ މިފަދަ ކަމެއް ދިމާވެގެން އުޅޭ ދަނޑިވަޅެއްގައި އެހެން ގައުމެއްނަމަ މަޖިލީހުގައި މިއަދު ހިނގާނީ ވަޒީރު މަގާމުން ވަކި ކުރުމުގެ ބަހުސް ކަމަށެވެ.
މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތިންވަނަ އަހަރަށް ފާސްކުރީ 64 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. އޭގެ ތެރެއިން ދަރަނި ދެއްކުމަށް މި އަހަރު 12.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓު ފޮތުން އެނގެ އެވެ.
ހަމައެކަނި މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދަަރަނީގެ ގޮތުގައި ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކަށް ފައިސާ ދައްކަން ޖެހެނީ އެޕްރީލް 8، 2026 ގަ އެވެ. އަދި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ބޮންޑަށް ފައިސާ ދައްކަން ޖެހޭ މުއްދަތަކީ އެޕްރީލް 26، 2026 އެވެ.
މީގެ އިތުރުން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ދަރަންޏާއެކު މި އަހަރު ދަރަނި ދެއްކުމަށް އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ހޭދަވާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރެ އެވެ.
ދަރަނި ދެއްކުމާއި ޑެފިސިޓު ފޫބެއްދުން ހިމެނޭހެން ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން 26.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ޖެހެ އެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވެ، ޓީބިލުތަކާއި ބޮންޑުތަކަށް ދައްކަން ޖެހޭ އަދަދު ދެ އަހަރުގެ ތެރޭގައި 19 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި އަހަރު ދައުލަތުން ދައްކަން ޖެހޭ ދަރަނިތައް ދެއްކުމާއި އެކަމުގެ ސަބަބުން ހަރަދުތައް ފޫބެއްދުމަށް ކުރިމަތިވެދާނެ ދަތިތަކުން އަރައިގަތުމަށް 300 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމުގެ މަޝްވަރާތައް ކުރަމުން އަންނަކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
ވޯލްޑް ބޭންކްގެ 33 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ނުލިބި ގެއްލިއްޖެ: ޝަމްހީދު ވޯލްޑް ބޭންކްގެ 33 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ނުލިބި ގެއްލިއްޖެ: ޝަމްހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ