ފަލަސްތީނަށް ތާއީދުކޮށް ޕޯސްޓަރު ހަރުކުރި މައްސަލައެއްގައި އިނގިރޭސި ދެމަފިރިން އިންޑިއާއިން ފުރަން އަމުރުކޮށްފި
އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ރާޖަސްތާނުގެ ރަށެއްގައި ފަލަސްތީނަށް ތާއީދުކޮށް ޕޯސްޓަރުތައް ހަރުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ދެމަފިރިން އެގައުމުން ފުރުމަށް އަމުރުކޮށްފިއެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ލޫއިސް ގެބްރިއަލް ޑީ އާއި އަނޫޝީ އެމާ ކްރިސްޓީން ނަމަކަށް ކިޔާ އެ ދެމީހުން ތިބީ ޓޫރިސްޓް ވިސާގައި ދަތުރުކޮށް ޕުޝްކަރުގައި މަޑުކޮށްގެންނެވެ. ޕޯސްޓަރުތައް ހަރުކުރި ކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައި ވަނީ ޖެނުއަރީ 21 ވަނަ ދުވަހު ކަމަށް މީޑިއާތަކުން ބުނެއެވެ. އެމީހުން ހަރުކުރި ޕޯސްޓަރުތަކުގައި "ފްރީ ފަލަސްތީން" އާއި "ބޮއިކޮޓް އިސްރާއީލް" ފަދަ ޝިއާރުތައް ލިޔެފައިވާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ފުލުހުން ބުނީ ތަހުގީގުން މިހާތަނަށް އެނގުނު ގޮތުގައި އެ ހަރަކާތަކީ ސިޔާސީ ގޮތުން ހިންގި ހަރަކާތެކެވެ. ނަމަވެސް ޓޫރިސްޓް ވިސާގެ ޝަރުތުތަކުގެ ދަށުން އެއީ މަނާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ. އޭގެ ފަހުން ރާޖަސްތާނުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ވަނީ އިމިގްރޭޝަން ގާނޫނު، 2025 ގެ ދަށުން އެ ދެމަފިރިންގެ ވިސާ ބާތިލްކޮށް، ވަގުތުން އިންޑިއާ ދޫކޮށް ދިއުމަށް އަންގާފައެވެ. ފުލުހުންގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނީ ބިދޭސީން ޒިޔާރަތްކުރާ މީހުން މޮނިޓާ ކުރަމުންދާ ކަމަށާއި ގަވާއިދާ ޚިލާފުވެއްޖެނަމަ، ޑީޕޯޓުކޮށް ބްލެކް ލިސްޓް ކުރެވޭނެ ކަމަށެވެ. ޕުޝްކަރަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒިލެކެވެ. އެ ސަރަހައްދަށް ދަތުރުކުރާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އިސްރާއީލުން މީހުން ހިމެނޭ ކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ