ސިނަމާލޭ ބުރިޖު ހައިވޭގައި ހުރި ސޯލާ ޕެނަލެއްގައި ރޯވެއްޖެ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހައިވޭގައި ހަރުކޮށްފައި ހުންނަ ސޯނާ ޕެނަލްތަކުގެ ތެރެއިން ޕެނަލެއްގައި މިއަދު ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ، މިދިލިމަގުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލެއްގައި ރޯވެފައިވާ ކަމުގެ ރިޕޯޓް މިއަދު 08:34 ހާއިރު ލިބުނު ކަމަށެވެ. އެ ރިޕޯޓު ލިބުމާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ސިފައިން ބުންޏެވެ. އެގޮތުން، ފަޔާފައިޓަރުން ކުރި މަސައްކަތުން ސޯލާ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 08:45 ހާއިރު ކަމަށް ޚިދުމަތުން ބުންޏެވެ. އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށެވެ. ސިނަމާލެ ބުރިޖާ ގުޅިފައި އޮންނަ ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި، އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމަށް ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދިޔަ އެންވަޔަރަމަންޓް މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުންނެވެ. އެހެންނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ ޕެނަލްތައް ނަގާނެ ކަމުގެ ވައުދުފުޅާއެކުގައެވެ. އެ މަނިކުފާނު ވަނީ އެ ސޯލާ ޕެނަލްތަކުގެ ސަބަބުން، ހައިވޭއިން ފެންނަ ރީތި މަންޒަރު ގެއްލޭ ކަމަށެވެ. އެންމެ ރީތި މަންޒަރަކަށް ފެންނަނީ ބްރިޖު ހައިވޭގައި ދުއްވާފައި ދާއިރު އެ ފެންނަ މަންޒަރު ކަމަށެވެ. ނަމަވެސް ސޯލާ ޕްރޮޖެކްޓުގެ ސަބަބުން މިހާރު އެ މަންޒަރު ގެއްލި، ހައިވޭ ވަނީ ވަރަށް ބޮޑަށް ހާސްވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. https://sun.mv/183800 އެ މަނިކުފާނު ވިދާޅުވީ، އެ ސޯލާ ޕެނަލްތައް ނަގައި، ރާއްޖޭގައި އެއް ރަށް ނުވަތަ ދެ ރަށަށް އެއްކޮށް އިރުގެ ހަކަތައިން ހިންގޭ ގޮތަށް، ބަދަލުކުރަން ގަސްދުކުރައްވާ ކަމަށެވެ. މި ސަރުކާރަށް މިހާރު ދެ އަހަރު ވެފައިވާއިރު، އެ ޕެނަލްތައް މިހާތަނަށް ނަގައިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ