ކްލަބް ގްރީން ސްޓްރީޓްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗަށް ގަސްދުގައި ހާޒިރުނުވީ ކަމަށް ބުނެ، ކްލަބް ވެލެންސިއާ އިން ހުށަހެޅި މައްސަލަ އެފްއޭއެމް ޑިސިޕްލިނަރީ ކޮމީޓީން ބަލަން ފަށައިފި އެވެ.
މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 10 ޓީމު ވާދަކުރާ މި ފަހަރުގެ މުބާރާތުގެ ދެ ބުރުގެ ކުޅުން ނިމޭއިރު ފުލަށް ދާ ދެ ޓީމެއް އޮޓޮމެޓިކުން ރެލިގޭޓްވާނެ އެވެ. އަދި، ހަތް ވަނަ އަށް ދާ ޓީމާއި އަށް ވަނައިގައި ނިންމާ ޓީމުން ރެލިގޭޝަން ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ.
ވެލެންސިއާ އަށް އޮޓޮމެޓިކް ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި، ކުޅުނު ފަހު މެޗުން، 2-0 އިން އީގަލްސް ބަލިކުރި އެވެ. ވެލެންސިއާ އަށް ސަލާމަތްވެވެން އޮތް ގޮތަކީ، ލީގުގައި ނިއު އިން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމަ އެވެ. އެއީ، ވެލެންސިއާ އަށް ގެއްލުން 28 ގޯލު އޮތްއިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލެވެ. އެ ޓީމަށް 18 މެޗުން 12 ޕޮއިންޓް ލިބިފައިވެ އެވެ. ގްރީން ސްޓްރީޓްސް އިން ފަހު މެޗަށް ހާޒިރުނުވުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން ނިއު އަށް މެޗު ލިބުނީ 2-0 އިންނެވެ. މާނަ އަކީ، ވެެލެންސިއާ ރެލިގޭޓްވުމެވެ.
ގްރީން ސްޓްރީޓްސް އިން ގަސްދުގައި މެޗަށް ހާޒިރުނުވި ކަމަށް ވާހަކަ ދެކެވޭއިރު، އޭގެ ގެއްލުން ވެލެންސިއާ އަށް ކުރިމަތިވެފައިވާއިރު، މީގެ ކުރިން، ލީގުގެ މެޗަކަށް ހާޒިރުނުވާ ޓީމުތަކަށް ގަވާއިދުގެ ތެރެއިން ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުން އަޅާފައިވަނީ 25،000 ޖޫރިމަނާއެއް ދައްކަން ޖެހޭ ގޮތަށެވެ.
ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކްލަބުން ކުޅެން ޖެހިފައި އޮތް މެޗުތައް ނިމިފައިވަނިކޮށް ގްރީން ސްޓްރީޓްސް އިން އެ ޓީމުގެ ފަހު މެޗަށް ހާޒިރުނުވުމަކީ ގަސްދުގައި ކުރި "މެޗު ފިކްސިން" ގެ އަމަލެއް ކަމަށެވެ. އަދި، މިއީ، ވެލެންސިއާގެ ހައްގަކަށް އަރައިގަތުމަށް ހިންގި އަމަލެއް ކަމަށާއި، މިއީ އިއްޔެ މެޗުގައި ގްރީން ސްޓްރީޓްސް އިން ވާދަކުރަން އޮތް ނިއު އާއި އެހެން ކްލަބްތަކާއި އެ ޓީމުގެ ކުޅުންތެރިންގެ ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ. އަދި، އެ ކަން ވެލެންސިއާ އިން ފީފާ/އޭއެފްސީ އަށް ހުށަހަޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.
ވެލެންސިއާ އިން އެފްއޭއެމަށް ހުށަހެޅި މައްސަލައިގެ ޖަވާބުގައި، އެފްއޭއެމް އިން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކްލަބަށް އަންގާފައިވާ ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ.
ގްރީން ސްޓްރީޓްސް އިން މި ކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކްލަބުން ގަސްދުގައި މެޗަށް ހާޒިރުނުވެ، މެޗު ފިކްސް ކުރި ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އަދި، މި ކަމުގައި ރަސްމީ ފަރާތްތަކުން ކަންތައްތައް ހިނގައިދިޔަ ގޮތް ރަނގަޅަށް ބަލައިނުނިމެނިސް މީޑިއާ އާއި އާންމުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އެދޭކަމަށް ބުނެ، ގްރީން ސްޓްރީޓްސް އިން ވަނީ އެ ކްލަބުން ހެދިފައިވާ ގަވާއިދުތަކަށް އަބަދުވެސް ބޯލަނބާނެ ކަމަށާއި އަބަދުވެސް އަމަލުތައް ބަހައްޓަނީ ގަވާއިދުގެ ތެރެއިން ކުޅިވަރުގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތަށް ކަމަށެވެ.
ގްރީން ސްޓްރީޓްސް އިން އަންނަނީ 2017 ވަނަ އަހަރު ޕްރޮމޯޓްވި ފަހުން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންނެވެ.
ގްރީން ސްޓްރީޓްސްގެ މައްސަލަ އެފްއޭއެމް އިން ބަލަނީ ގްރީން ސްޓްރީޓްސްގެ މައްސަލަ އެފްއޭއެމް އިން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ