ގާސިމްގެ ތާއީދު ‏މޫސާ އަލީ ޖަލީލަށް!

މާލެ ސިޓީގެ މޭޔަރު ކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ‏މާލެ ސިޓީގެ މޭޔަރުކަމަށް ޖަލީލް އެންޑޯޒްކޮށް ތާއީދުކުރައްވާ ކަމަށާއި، އެބޭފުޅާއަކީ ގައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް އަދި މި ގައުމުގެ ދިފާއުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް ކަމަށެވެ. ހަމައެހެންމެ އެއީ މި ގައުމުން އެބޭފުޅާގެ އަގު ވަޒަންކުރައްވާ، ގައުމީ ޝަރަފް އަރުވާފައިވާ، ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރު މަހު ތިން ވަނަ ދުވަހު ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެބޭފުޅާގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެބޭފުޅާ ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް ކަމަށާއި، ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު ކަމަށް ގާސިމް ވިދާޅުވިއެވެ.
“ފަސްބައިގާ ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ޚުލްޤު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް.” ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަގާމަށް މޫސާ ޖަލީލަށްވުރެ ތަޖުރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ގާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން ކަމަށެވެ.
”އަޅުގަނޑު އެދެނީ، މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިޔަ ތިއްބެވި ލޮބުވެތި ރައްޔިތުން، އަދި އަޅުގަނޑުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަހުންނާއި އުހްތުން، މިފަހަރުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް (ކެނޑިޑޭޓް ނަންބަރު 4 އަކަށް) ތާއީދުކުރައްވާ ވޯޓުދެއްވުން.“ ގާސިމް ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރުކަމަށް ޖަލީލަށް ތާއީދުކުރައްވާކަން މާލޭގެ މޭޔަރުކަން ފުރަތަމަ ކުރެއްވި ސަރަނގު އާދަމް މަނިކު ވެސް ވަނީ ދާދި ފަހުން ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ