މާލޭގައި ކެނަބިސް ގަސްތަކެއް ހައްދައި މަސްތުވާތަކެތި ގެންގުޅުނު މީހަކު، 400،000ރ. އިން ޖޫރިމަނާކޮށް، 100 އަަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މި ގަސް ފުލުހުން ހޯދާފައިވަނީ 13 މެއި 2023ގައި މާލޭގެ ބަނަފްސާމަގުގައި ހުރި ގެެއެއްގެ ދޮރުމަތީގައި މަރުޖުވާނާ ގަހެއް ހުރިކަމަށް ބެލެވޭ ކަމަށް ބުނެ އާންމު މީހަކު ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެންނެވެ.
އެ ގަސް ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދަނިކޮށް، އަހުމަދު ޔާސިހު، ނިޝާން/ނ. ކެނދިކުޅުދޫ، އެތަނަށް ގޮސް އެއީ އޭނާގެ ގަހެއް ކަމަށާއި، އޭނާ ދިރިއުޅޭ ގ.ގިރިމިނީ ގޭގެ ބެލްކަނީގައި ވެސް އޭގެ ގަސްތަކެއް ހުންނާނެ ކަމަށް ބުނުމުން، އޭނާގެ ހުއްދައާ އެކު، އެ ގެ ފުލުހުން ބަލައި ފާސްކުރި އެވެ.
އަހުމަދު ޔާސިހުގެ މައްޗަށް ދައުލަތުން މަސްތުވާ އެއްޗެއް އުފެއްދުމުގެ ކުށުގެ ދައުވާ ކުރީ، އެގޭގެ ބެލްކަނީން ފެނުނު ހަތަރު ގަހާއި އޭނާގެ ކޮޓަރިން ފެނުނު ދެ ގަހަކީ އަދި މަގުމަތިން ފެނުނު ގަހަކީ ވެސް، ކެނަބިސް ގަސް ކަން ތަހުލީލު ރިޕޯޓުތަކުން ދައްކާތީ އެވެ. ކޯޓުގައި މި ދައުވާތަކަށް އަހުމަދު ޔާސިހު އިންކާރުކުރި އެވެ.
ތަފްސީލް - އެކަމަކު މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ނިންމެވީ، ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. މިދިޔަ މަހުގެ 31ގައި އިއްވި ހުކުމުގައި ބުނީ:
މަރުޖުއާނާ ގަހަކީ ރާއްޖޭގައި އާންމުކޮށް ހައްދާ އުޅޭ ބާވަތުގެ ގަހެއް ނޫން
އަހުމަދު ޔާސިހު ދިރިއުޅޭ އެޕާޓުމަންޓުން މަރުޖުއާނާ ގަހުގެ އިތުރުން އެހެން ބާވަތްތަކުގެ މަސްތުވާތަކެތި ހުރިކަން ވެސް ހުށަހަޅާފައިވާ ހެކިތަކުން އެނގޭ
މި ގަސްތައް އޭނާއަށް ލިބުނު ގޮތެއް ނުވަތަ ހެއްދި ސަބަބެއް ބުނެދެވިފައެއް ނުވޭ
އެހެންކަމުން އެ ގަސްތަކަކީ އަހުމަދު ޔާސިހު ހައްދާފައިވާ ގަސްތަކެއް ކަމަށް ބަލަންޖެހޭ
މި ކުށުގެ އަދަބަކަށް އޭނާގެ މައްޗަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމަކާ އެކު، 100،000ރ.ގެ ޖޫރިމަނާއެކެވެ.
ހަމަ މި މައްސަލާގައި އަހުމަދު ޔާސިހު މައްޗަށް މަސްތުވާތަކެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން އަދި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ވެސް ކުރި އެވެ. މި ތިން ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
މިއިން ކޮންމެ ދައުވާއަކަށް ވަކިވަކިން އިއްވި 25 އަހަރުގެ ޖަލު ހުކުމާ އެކު، މުޅި ޖުމްލަ އޭނާގެ މައްޗަށް އިއްވާފައިވަނީ 100 އަހަރުގެ ޖަލު ހުކުމަކާއެކު 400،000ރ.ގެ ޖޫރިމަނާ އެކެވެ. ޖޫރިމަނާގެ ފައިސާ 12 މަސްދުވަހުގެ ތެެރޭގައި ދެއްކުމަށް ވެސް އަމުރުކުރި އެވެ.
ކެނަބިސް ގަސް އިންދައި ޑްރަގު ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ