އައްޑޫ ލިންކު ރޯޑު ތަރައްގީކުރުމަށް ބޭނުންވާ ސާވޭގެ މަަސައްކަތް ފަށާފައިވާކަމަށް ލިންކު ރޯޑުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އާރްޑީސީން) ބުނެފިއެވެ.
އާރްޑީސީން ބުނީ ލިންކު ރޯޑު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރަމުންދަނީ ބޭނުންވާ ސާވޭގެ މަސައްކަތް ކަމަށާއި އައްޑޫގެ އެތެރޭގެ މަގުތައް ހެދުމަށްވެސް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް އާރްޑީސީން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ކުންފުނިން ބުނީ ފެބްރުއަރީ މަހުގެތެރޭގައި ސާވޭގެ މަސައްކަތް ނިންމާ މަގު ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
އައްޑޫ ގެ ހުޅަނގު އަވަށްތައް ގުޅުވައިދޭ 19 ކިލޯމީޓަރުގެ ލިންކް ރޯޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިކަމުގެ ޝަކުވާތައް އެ ސިޓީގެ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އަދި ވެހިކަލްތަކާ، ދުއްވާ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނައިރު ވިއްސާރަ މޫސުމުގައި މަގުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ދުއްވުމަށްވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.
މީގެ ކުރިން، ހައުސިން މިނިސްޓްރީން މި މަގު ހެދުމުގެ ޕްލޭނާ ގުޅޭ ގޮތުން ބުނެފައިވަނީ އައްޑޫގެ އާބާދީ އާއި ވެހިކަލްތަކުގެ ނިސްބަތަށް ބަލާއިރު އެމަގަކީ ވަރަށް ބޮޑަށް ހަނި މަގެއް ކަމަށެވެ. އެހެންކަމުން އާ ލިންކު ރޯޑުގެ މަސައްކަތް ޕްލޭން ކުރަމުން ދަނީ ޒަމާނާ އެއްގޮތަށް ކަމަށާއި އެ ގޮތުން މިހާރު ބޭނުންކުރަމުން އައި މަގު އެއްކޮށް ހަދާއިރު، މަގު އިތުރަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ ދުއްވާމީހުންނާ، އުޅަދުތަކަށް އެކިވަރުގެ އަނިޔާތައް ވަމުން އަންނައިރު، ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލުގެނެސް ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.
އައްޑޫ ލިންކް ރޯޑް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
އައްޑޫ ލިންކު ރޯޑު ތަރައްގީކުރުމަށް ބޭނުންވާ ސާވޭގެ މަަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ