މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް 2.7 ބިލިއަން ޚަރަދުކޮށްފި، 10 ޕަސެންޓްގެ އިތުރުވުމެއް
މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ދައުލަތުން 2.7 ބިލިއަން ޚަރަދުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 10 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން ވަނީ، މި މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޚަރަދުތަކާއި ލިބިފައިވާ އާމްދަނީގެ ތަފުސީލުތައް ހާމަކޮށްފައެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުން، މުސާރައާއި އިނާޔަތާއި ޕެންޝަނަށް މި އަހަރު 2.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޚަރަދުކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. އެ ޚަރަދުތަކަށް މި އަހަރަށް 17.1 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މި މަހު ފަސް ވަނަ ދުވަހާ ހަމައަށް މުސާރައަށް 1.23 ބިލިއަން ޚަރަދުކޮށްފައިވާއިރު، އިނާޔަތްތަކަށް 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ޕެންޝަނާއި ރިޓަޔާމެންޓް ފައިސާގެ ގޮތުގައި 390.8 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ދައުލަތުގެ އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް މިހާތަނަށް 3.34 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 3.27 ބިލިއަން ރުފިޔާގައެވެ. https://sun.mv/218685 މީގެ ކުރިން، މިދިޔަ މަހުގެ 26އާ ހަމައަށް ކޮށްފައިވާ ޚަރަދުތައް އާންމުކުރިއިރު ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މުސާރައާއި ޕެންޝަނަށް ކުރި ހޭދަ އިތުރުވެފައި ވަނީ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ސަބަބުންނެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު، މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ސިވިލް ސާވިސްއާއި ޖުޑީޝަރީ ހިމެނޭގޮތަށް 20،000 މުވައްޒަފުންގެ މުސާރަ މިދިޔަ ނޮވެންބަރު މަހު ވަނީ ބޮޑުކޮށްފައެވެ. ގިނަ އަދަދެއްގެ ސިވިލް ސާވެންޓުން މަސައްކަތް ކުރާ ވެލާނާގެ: މުސާރައަށް ކުރާ ހޭދަ އިތުރުވީ، ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުނެފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ މިދިޔަ އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑުކުރާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތައް ބޮޑުވެފައިވާއިރު، ރާއްޖޭގެ ދަރަނި ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މި އަހަރު ބޭރުގެ ދަރަންޏަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހެއެވެ. އޭގެ ތެރޭގައި އެއް ފަހަރާ ދައްކަންޖެހޭ 600 މިލިއަން ޑޮލަރުގެ ދަރަންޏެއް ވެސް ހިމެނެއެވެ. ރާއްޖޭގައި ދަރަނި ބޮޑުވާތީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ބޭރުގެ އިދާރާތަކުން ލަފާދޭތާ އަހަރުތަކެއް ވަނީ ވެފައެވެ. https://sun.mv/219197 މީގެ އިތުރުން މި ދުވަސްވަރު މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ސަޕްލައި ޗެއިންއަށް ބުރޫއަރައިފައި ވުމުން، މިއީ ގިނަ އަދަދެއްގެ ގައުމުތަކުން ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ދުވަސްވަރެކެވެ. ޚާއްސަކޮށް ތެލުގެ އަގު އުފުލެމުންދާތީ، ބައެއް ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ ސަރުކާރުގެ އިސް އޮފިޝަލުން މުސާރަ ކުޑަކޮށް، ސިވިލް ސާވެންޓުން އޮފީހުގައި މަސައްކަތް ކުރާ ގަޑިތައް މަދުކުރަމުންނެވެ. ރާއްޖޭގައި ވެސް އެފަދަ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅޭ މާހިރުން އަންނަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ