އާސަންދައާއި ސަބްސިޑީތަކާއި އިތުރު ހިލޭ އެހީއަށް، ދެ މަސް ތެރޭ ދެ ބިލިއަން ޚަރަދުކޮށްފި

މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭ އާސަންދައާއި ސަބްސިޑީތަކާއި އެހެނިހެން ހިލޭ އެހީއަށް ދައުލަތުން ކުރީ ޚަރަދު ދެ ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ވަނީ، މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއާއި ޚަރަދުގެ ތަފުސީލް ހާމަކޮށްފައެވެ. އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ހިލޭ އެހީތަކާއި ސަބްސިޑީތަކަށް ދައުލަތުން މިހާތަނަށް ވަނީ 2.04 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ 20 ޕަސެންޓްގެ އިތުރުވުމެކެވެ. އެ އެހީތަކުގެ ދަށުން އަންނަ، އާސަންދައާއި މެޑިކަލް ވެލްފެއާގެ ޚަރަދު ވަނީ 440 މިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ސަބްސިޑީއަށް ވަކިން ކުރި ޚަރަދު ހުރީ 619 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ޚަރަދުކޮށްފައިވަނީ އެއަށްވުރެ 37 މިލިއަން ރުފިޔާ މަދުކޮށް، 582 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެހެނިހެން ހިލޭ އެހީގެ ގޮތުގައި މި އަހަރުގެ މި މުއްދަތުގައި 558.9 މިލިއަން ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ. https://sun.mv/216917 އާސަންދައާއި ސަބްސިޑީއަށް ކޮންމެ އަހަރަކު ވެސް ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެގޮތުން، މިދިޔަ އަހަރު އާސަންދައާއި ސަބްސިޑީއަށް ބަޖެޓުކުރީ 3.7 ބިލިއަން ރުފިޔާ ނަމަވެސް، އެ އަހަރު ނިމުނުއިރު އެ ކަމަށް 6.03 ބިލިއަން ރުފިޔާ އޮތީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުން ބޭރުން 2.3 ބިލިއަން ރުފިޔާ ހިމެނޭ ގޮތަށެވެ. ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ބޮޑު ޚަރަދެއް ސަބްސިޑީއަށް ކުރެއެވެ. އެކަމަކު، އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް އިސްލާހުކުރަން ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. އެކަމަކު، އެކަމެއް ނުކުރެއެވެ. ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: އާސަންދައާއި މެޑިކަލް ވެލްފެއާގެ ޚަރަދު ވަނީ 440 މިލިއަން ރުފިޔާއަށް އަރައިފައި --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް އެ އިސްލާހުތައް ގެންނަން ސަރުކާރުން 2024 ވަނަ އަހަރު ނިންމައި ބަޖެޓުގައި ހިމެނި ނަމަވެސް، އެ ބަދަލުތައް ނުގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިއެވެ. އާސަންދައާއި ސަބްސިޑީ އިސްލާހުކުރަން ބޭރުގެ އިދާރާތަކުން ގޮވާލާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ދަރަނި ބޮޑުވުން ހިމެނެއެވެ. އެގޮތުން އަންނަ މަހު އެއްފަހަރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ހިމެނޭ ގޮތަށް، މި އަހަރު އެކަނިވެސް ރާއްޖޭން އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެއެވެ. މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން މިދިޔަ މަހުގެ 28ގައި ފަށައިފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ވެސް އިގުތިސާދީ ގޮތުން ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ފަތުރުވެރިން އައުން މަދުވުމާއި ތެލުގެ ޚަރަދު ބޮޑުވުމުން އާންމު ދިރިއުޅުމަށް ދިމާވާ ދަތިތައް ހިމެނެއެވެ. https://sun.mv/219197 އެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބޮޑެތި އިގުތިސާދުތައް ހިމެނޭ ގޮތަށް، ގައުމުތަކުން އަންނަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރާއްޖޭގައި އެފަދަ ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. މި ސަރުކާރުން އަންނަނީ، ރާއްޖޭގެ ދަރަނި ދެއްކޭ ވަރަށް ފައިސާ ހުރިކަމުގެ ޔަގީންކަން ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ