މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ދެމުންގެންދާ ފެނުގެ ހިދުމަތަށް ބިލް ނުދެއްކި ގިނަދުވަސްވެފައިވާ ގޭބިސީތަކާއި ވިޔަފާރިތަކުގެ ޖޫރިމަނާ މާފުކޮށްދޭން ނިންމައިފިއެވެ.
މި ނިންމުމުގެ ދަށުން އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދެވޭނެއެވެ.
ޖޫރިމަނާ މަޢާފްކޮށްދިނުމަށް ހަމަޖެހިފައިވަނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން، ޖޫރިމަނާ މަޢާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކަވައި ޚަލާސްކުރައްވާ ކަސްޓަމަރުންނަށް ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ.
މީގެ އިތުރުން، އެއްފަހަރާ ފައިސާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް އެއްބަސްވުމެއްގެ ދަށުން މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމްވެސް އެމްޑަބްލިއުއެސްސީން ވަނީ ހަމަޖައްސައިދީފައެވެ. މިގޮތަށް ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ، އެއްބަސްވުމާ އެއްގޮތަށް ހުރިހާ ފައިސާއެއް ދައްކަވައި ޚަލާސްކުރެއްވުމުންނެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ނުވަތަ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމަށް ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުއްވުމަށް އެކުންފުނިން އެދެއެވެ. އަދި [email protected] އަށް އީ-މެއިލް ކޮށްގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
އެމްޑަބްލިއުއެސްސީން ވަނީ ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ޚަލާސް ކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސްކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ގަވާއިދުން ބިލްތަކަށް ފައިސާ ދެއްކުމަށް ހުރިހާ ކަސްޓަމަރުންނަށް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.
ފެންބިލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ