އެންމެ ފަހުން ސިޓީ އެކަކަށް އަރައިފި، ގާޑިއޯލާ މޮޅު

އިނގިރޭސި ޕްރިމިއަ ލީގުގެ ތާވަލްގެ އެއްވަނަ މަގާމު ގެއްލި އަށް މަސް ހޭދަކުރި ފަހުން ރޭ ބާންލީގެ މައްޗަށް ހޯދި 1-0ގެ ކާމިޔާބީއާ އެކު ޕެޕް ގާޑިއޯލާގެ މެންޗެސްޓަ ސިޓީ، އާސެނަލް އަތުން އެ މަގާމު، މި ވަގުތަށް އަތުލައިފި އެވެ.
މި ސީޒަންގެ ފުރަތަމަކޮޅު ސިޓީ ތާވަލްގެ އެއްވަނައަށް އެރި އެވެ. ނަމަވެސް އެ ވެއްޓުނު ގޮތަށް ބަލަން ޖެހުނީ އާސެނަލްއަށެވެ. އެ ޓީމު އައީ ތާވަލްގެ އެއްވަނަ ދިފާއުކުރަމުން، ޕޮއިންޓްގެ ތަފާތު ވެސް ދަމަހައްޓަމުންނެވެ.
ނަމަވެސް ނުވަ ޕޮއިންޓްގެ ތަފާތު އެންމެ 11 ދުވަހުގެ ތެރޭގައި ނައްތާލައި، ސިޓީ އެވަނީ އެކެއް އަތުލައިފަ އެވެ. ޕޮއިންޓްގެ ގޮޮތުންނާއި ލަނޑުގެ ގޮތުން ވެސް ދެ ޓީމު އެއްވަރެވެ.
މެންޗެސްޓަ ސިޓީ، ކުޅުނު 33، ފައިދާ ގޯލު 37، ޕޮއިންޓް 70
އަސެނަލް، ކުޅުނު 33، ފައިދާ ގޯލު 37، ޕޮއިންޓް 70
މެންޗެސްޓަ ޔުނައިޓެޑް، ކުޅުނު 33، ފައިދާ ގޯލު 13، ޕޮއިންޓް 58
އެސްޓަން ވިލާ، ކުޅުނު 33، ފައިދާ ގޯލު 6، ޕޮއިންޓް 58
ލިވަޕޫލް، ކުޅުނު 33، ފައިދާ ގޯލު 11، ޕޮއިންޓް 55
ރޭގެ މުހިންމު މޮޅު ހޯދައިދިނީ ފަސް ވަނަ މިނިޓްގައި އާލިން ހާލޭންޑެވެ. އޭނާ ވަނީ މިދިއަ އާދިއްތަދުވަހުގެ ރޭ އާސެނަލްއާ ކުޅުނު ވަރުގަދަ މެޗުގައި 2-1އިން ސިޓީ މޮޅުކޮށްދޭން ވެސް ލަނޑު ޖަހައިފަ އެވެ.
މިއީ މިފަހަކަށް އައިސް ޕްރިމިއަ ލީގުގެ އެންމެ ވާދަވެރި ފަހަރެވެ. ބާކީ ފަސް މެޗަށް އެޅިއިރު ކުރިން ނަމަ އޮންނާނީ ޗެމްޕިއަން ޓީމު ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ނަމަވެސް ސިޓީ އާއި އާސެނަލް ހުރިހާ ގޮތަކުން ވެސް އެއްވަރެއްގައި އުޅޭތީ މިއީ އާދަޔާ ހިލާފު ފަހަަރެއް ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.
އިނގިރޭސި ލީގުގެ ބައެއް އެނަލިސްޓުން އަދިވެސް ބުރަވަނީ އާސެނަލް ކޮޅަށެވެ. ކުރިއަށް ހުރި މެޗުތަކުގައި އާސެނަލް ޖެހޭ ޓީމުތަކާއި ސިޓީ ވާދަކުރަން ޖެހޭ ޓީމުތަކަށް ބަލާފައި ވެސް، އާސެނަލްއަށް އެޑްވާންޓޭޖް އެބަ އޮތް ކަމަށް އެ މީހުން ލަފާކުރެ އެވެ. 
އެވަޓަން/މެންޗެސްޓަ ސިޓީ (4 މޭގެ ދަންވަރު 12 ޖަހާއިރު، އެވަޓަން ދަނޑުގައި)
މެންޗެސްޓަ ސިޓީ/ބްރެންޓްފޯޑް (9 މޭ، 21:30، ސިޓީގެ ދަނޑުގައި)
ބޯންމައުތު/މެންޗެސްޓަ ސިޓީ (17 މޭ، 19:00، ބޯންމައުތުގެ ދަނޑުގައި)
މެންޗެސްޓަ ސިޓީ/ކްރިސްޓަލް ޕެލެސް (22 މޭ، 19:00، ސިޓީގެ ދަނޑުގައި)
މެންޗެސްޓަ ސިޓީ/އެސްޓަން ވިލާ (24 މޭ، 20:00، ސިޓީގެ ދަނޑުގައި)
އާސެނަލް/ނިއުކާސަލް (25 އެޕްރީލް، 21:30، އާސެނަލްގެ ދަނޑުގައި)
އާސެނަލް/ފުލަމް (2 މޭ، 21:30، އާސެނަލްގެ ދަނޑުގައި)
ވެސްޓް ހެމް/އާސެނަލް (10 މޭ،20:30، ވެސްޓް ހެމް ދަނޑުގައި)
އާސެނަލް/ބާންލީ (17 މޭ، 19:00، އާސެނަލް ދަނޑުގައި)
ކްރިސްޓަލް ޕެލެސް/އާސެނަލް (24 މޭ، ކްރިސްޓަލް ޕެލެސް ދަނޑުގައި)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ