އިންޑިއާ-ރާއްޖެ އެފްޓީއޭ: ޓެކްނިކަލް ބެރިއާސްއާ ގުޅޭގޮތުން މަޝްވަރާކޮށްފި

އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމުގެ ރަސްމީ މަޝްވަރާތަކުގެ ތެރެއިން، ޓެކްނިކަލް ބެރިއާޒް ޓު ޓްރޭޑާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތަކުގެ ބޭނުމަކީ ވިޔަފާރިވެރިންނަށް ހުރި ދަތިތައް ދެނެގަނެ، އެކަންކަމަށް އެފްޓީއޭގެ ތެރެއިން ޙައްލު ހޯދުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޓެކްނިކަލް ބެރިއާޒް ޓު ޓްރޭޑް ޓީބީޓީއަކީ، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ދިމާވާ ޤާނޫނީ ހުރަސްތަކެވެ. މީގެ ތެރޭގައި އުފެއްދުންތަކާ ގުޅޭ ޤަވާއިދުތަކާއި، ޓެސްޓު ކުރުމާއި އަދި ލޭބަލް ކުރުމުގެ މިންގަނޑުތައް ހިމެނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ، އިންޑިއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމުގެ ރަސްމީ މަޝްވަރާތައް ފަށާފައެވެ. އަދި މި މަޝްވަރާތަކުގެ ތެރެއިން އިޤްތިޞާދީ ވުޒާރާއިން މިއަދު ވަނީ، ޓެކްނިކަލް ބެރިއާޒް ޓު ޓްރޭޑް ނުވަތަ އިންޑިއާއާއެކު ވިޔާފާރީގެ މުއާމަލާތްތައް ކުރުމަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފައެވެ.
ރާއްޖޭގެ އެކްސްޕޯޓު ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދު އިމްޕޯޓް އަދި އެކްސްޕޯޓު ކުރާ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ ތެރޭގައި އިމްޕޯޓު އަދި އެކްސްޕޯޓު ކުރާ މުދަލަކީ، ސެނިޓަރީ ނުވަތަ އިންސާނުންނާއި ޖަނަވާރުންނަށްވެސް ޞިއްޙީ ގޮތުން ރައްކާތެރި މުދަލަކަށް ވުމާއި، ފައިޓޯސެނިޓަރީ ނުވަތަ ގަސްގަހާއި ގެއްސަށް ރައްކާތެރި މުދަލަކަށްވުން ފަދަ ކަންކަން ހިމެނެއެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ ޓާމްސް އޮފް ރިފަރެންސްއަށް ދެ ޤައުމުން އެއްބަސްވީ، މިއަހަރުގެ މާރިޗު މަހުއެވެ. ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރަކީ، ފުރިހަމަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި، އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ.
އިންޑިއާ-ރާއްޖެ އެފްޓީއޭގެ މަސައްކަތް ކުރިއަށްދާއިރު، ރާއްޖެއިން ވަނީ ޗައިނާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަމަލުކުރަން ފަށާފައެވެ. އަދި ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓް ނުވަތަ ވަކި ބާވަތްތަކުން ލުއި ލިބޭ އެއްބަސްވުމެއްގައި ތުރުކީވިލާތާއެކު ރާއްޖެއިންވަނީ، ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މަސައްކަތް ނިމި ޢަމަލުކުރަން ފެށުމުގެ ކުރިން މިހާރު ކުރިއަށް ދަނީ، ދެ ޤައުމުގެ ދެމެދު ކުރަންޖެހޭ މަސައްކަތްތައް ކަމަށްވެސް އިޤްތިޞާދީ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ