ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުން: މިނިސްޓަރު

ރާއްޖެއިން ބޭރުން ޕޯސްޓްމޯޓަމް ހަދަން ބައި ލައްކައެއްހާ ރުފިޔާ ހޭދަވާ ކަމަށާއި، މި ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ ޕޯސްޓްމޯޓަމްގެ ހިދުމަތް ދޭ ގޮތަށް ދެވެލް 2 ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މިހާރު ފަށާފައިވާ ކަމަށެވެ."ދިވެހިރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ގާއިމުކުރުމަށްޓަކައި އެފަދަ ހިދުމަތެއްގެ މައުލޫމާތު ގާނޫނެއްގައި ހިމަނާފައި ވަނީ 2015 ވަނަ އަހަރު. އޭގެ ފަހުން މިވީ އަހަރުތަކުގެ ތެރޭގައި ސަރުކާރުތަކެއް ވެސް އަތުވެއްޖެ. އަދި މި ހިދުމަތް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ރާއްޖޭގައި ކުރެވުނު މަސައްކަތެއް ވެސް ކުރީ މި ސަރުކާރުން،" މިނިސްޓަރު ވިދާޅުވި އެވެ.ފޮރެންސިން ޔުނިޓް ގާއިމްވުމުން، މާލެ ސަރަހައްދާއި މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ހިދުމަތްތަކާއި މެޑިކޯ ލީގަލް ޕޯސްމޯޓަމްގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން އެންމެ ފުރިހަމަ ފޯރުކޮށްދެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މިއީ ވަރަށް ޚައްސާސް ޚިދުމަތެއްކަން ފާހަގަކުރައްވައި ގީލާ ވިދާޅުވީ މި ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދިނުމަށް ދުރާލާ ތައްޔާރުވެގެން ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެގޮތުން މިފަދަ ޚިދުމަތެއް ގާއިމުކުރަންޖެހޭނީ ކަމަށް ބޭނުންވާ ވަސީލަތްތަކާއި އިންތިޒާމްތައް ވެސް އޭގެ އެންމެ ފުރިހަމައަށް ހަމަޖައްސައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި "ފޮރެންސިކް ޕެތޮލޮޖީގެ" ގަވާއިދުތައް ވެސް އެކުލަވައިލަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.އެ ގަވާއިދު އެކުލަވައިލަން ގާނޫނުން ލާޒިމު ކުރި ނަމަވެސް މިހާތަނަށް އެ ގަވާއިދު އެކުލަވާލާފައެއް ނުވެއެވެ. ނަމަވެސް މިހާރު އެ ގަވާއިދު އޮތީ ގެޒެޓުކުރުމުގެ މަރުހަލާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ހާއްސަ ހާލަތްތަކުގައި ޕޯސްޓްމޯޓަމް ހަދަން ޖެހިއްޖެނަމަ މިހާރު ހަށިގަނޑު ފޮނުވަނީ އިންޑިއާގެ ޓްރިވެންޑްރަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ