ވައިގަދަވެ، ވީއައިއޭގެ އޮޕަރޭޝަންތަކަށް ދަތިވެއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ދަތިތަކެއް ކުރިމަތިވެ، ފްލައިޓްތަކުގެ ދަތުރުތައް ލަސްވެގެންދިޔަކަމަށް މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެފި އެވެ.މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވަނީ ވީއައިއޭ ހިމެނޭހެން މެދުރާއްޖެތެރެއަށް މިއަދުގެ 15:00 އަށް ރީނދޫ ސަމާލެއް ވެސް ނެރެފައެވެ. އެ ސަރަހައްދުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.ފްލައިޓް ރާޑާއިން ދައްކާ ގޮތުގައި ބޭރުގެ ބޮޑެތި ބޯޓުތައް ވެސް ވަނީ ވީއައިއޭއަށް ނުޖެއްސި މަތީގައި މަޑުކުރަން ޖެހިފައެވެ. އެގޮތުން, ފްލައި ދުބާއީއާއި ސިންގަޕޯ އެއާލައިންސްގެ އިތުރުން މޯލްޑިވިއަންއިން މާވަރުލަށް ދަތުރުކުރި ފްލައިޓަށް ވެސް ވަނީ ޖެއްސޭނެ ގޮތެއްނުވެ, މަޑުކުރަން ޖެހިފައެވެ.މޫސުން ގޯސްވެ މިއަދު މާމިގިލި އެއާޕޯޓަށް ދަތުރުކުރި ފްލައިމީގެ ބޯޓެއް ވެސް ވަނީ ޖެއްސޭތޯ، އެއް ގަޑިއިރު ހޭދަކުރުމަށް ފަހު އަނބުރާ ވީއައިއޭއަށް ދަތުރުކޮށްފަ އެވެ.އޭވިއޭޓާ މޯލްޑިވްސްއިން މައުލޫމާތުދޭ ގޮތުގައި ވައިގެ ބާރުމިން މިހާރު އުޅެނީ 35 ނޮޓިކަލް މޭލުގައެވެ. އަދި ވިޒިބިލިޓީ އުޅެނީ 2000 މީޓަރުގައެވެ.އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުހައްމަދު މިހާދު ޕީއެސްއެމް އަށް ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން މިއަދު މެންދުރު އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވިކަމަށެވެ.އެގޮތުން ބައެއް ފްލައިޓްތައް ލަސްވުމާއި، ލަސްވި ފްލައިޓްތައް އެއް ވަގުތަކަކާއި ދިމާކޮށް ޖައްސަން އައުމުން ދަތިތަކެއް ކުރިމަތިވިކަން މިހާދު ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަންކަމަށް އަވަސް ހައްލުތަކެއް ހޯދުނުކަމަށްވެސް މިހާދު ވިދާޅުވިއެވެ.މިހާދު ވިދާޅުވީ ވައި ގަދަވުމުގެ ސަބަބުން ސީޕްލޭންގެ އޮޕަރޭޝަންތަކަށް ބުރޫ އަރައި، ބައެއް ފްލައިޓްތައް ލަސްވިކަމަށެވެ.މޫސުން ގޯސްވުމުގެ ސަބަބުން ވަރަށް ގިނަ ރަށްރަށުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ގަދަ ވިއްސާރައާއެކު ބައެއް ރަށްތަކަށް ވަނީ އުދަ ވެސް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ