ވަގު ފޯމްތަކުގެ މައްސަލައިގައި އިހުސާން މަޖިލީހަށް ހާޒިރު ކުރަނީ

ސަރުކާރު ހިންގާ ޕީއެންސީއަށް މީހުން އިތުރު ކުރުމަށް އެކި މީސްމީހުންގެ ނަމުގައި އެ ޕާޓީން ވަގު ފޯމް ހުށަހަޅާފައިވާ ކަމަށް ބުނާ މައްސަލައިގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅައިފިއެވެ.
މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް އެދިފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.
މީކާއީލް ވަނީ އިހުސާން އާ ދެ ސުވާލެއް ކުރުމަށް އެދިވަޑައިގެންފައެވެ. އޭގެތެރޭގައި އޮޅުވާލައިގެން ޕާޓީއަށް ވައްދާކަން ހާމަވެފައި ވާއިރު މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރިކުރުމަށް އަޅުއްވަނީ ކޮން ފިޔަވަޅު ތަކެއްތޯ ސާފު ކުރަން ކުރާ ސުވާލެއް ވެސް ހިމެނެއެވެ.
ޕީއެންސީން ބުނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގި "މެމްބަރޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅި އެތައް ހާސް ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން ފާހަގަ ކުރެވިފައި ވާކަމަށެވެ.
އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް ފޯމުތަށް އަޕްލޯޑްކުރަމުން ދިޔަ ނަމަވެސް ޕާޓިއަށް ވަނުމަށް އެދި ލިބުނު ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެ ޕާޓީއަށް ލިބިފައި ނުވާކަމަށާއި، މިކަމުގެ ސަބަބުން ފޯމުގެ ސައްހަކަމާއި މެދު ސުވާލު އުފެދުނީ އިލެކްޝަނަށް ފޯމު ހުށަހެޅުމުގެ ފަހު މަރުހަލާގައިކަމަށާއި މިއީ ހަމައެކަނި އެ ޕާޓިއަށް އޮތް ގޮންޖެހުމެއް ނޫންކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
މި މައްސަލަ އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ބަލަމުންގެންދާކަން ޕާޓިއަށް އަންގާފައިވާކަމަށާއި އެކަމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ޕާޓީގެ ފަރާތުން ދޭނެކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ