އަބަދުވެސް "ހުދު ވަލެއްގައި ހިފަހައްޓަވައި" މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިއަސް އެކަން ކާމިޔާބު ނުވެ މީހުން މެރުމާއި މާރާމާރީ އާއްމުވެފައިވާ މައްސަލާގައި އޭނާ އިސްތިއުފާ ދެއްވަން އިދިކޮޅު އިއްތިހާދުން މިއަދު ގޮވާލައިފި އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އިއްތިހާދުގެ ތަރުޖަމާން އަހްމަދު މަހްލޫފް ވިދާޅުވީ ހޯމް މިނިސްޓަރު ކަމަށް އުމަރު ވަޑައިގެންނެވި ފަހުން ވެސް މާރާމާރީތަކުގައި ގާތްގަނޑަކަށް 26 އަށް ވުރެ ގިނަ ޒުވާނުން މަރާލާފައިވާ ކަމަށެވެ. ގޭންގުތަކުން މި ހިންގާ މާރާމާރީތައް ހުއްޓުވައި މަރުވި އެއްވެސް މީހަކަށް އިންސާފު ހޯދައިދީފައި ނުވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުށްތަކަށް ހިތްވަރު ނުދެއްވާނެ ކަމަށް އުމަރު ހަރުކަށިކޮށް ވިދާޅުވެ އެވެ. އެކަމަކު މި ސަރުކާރުން ޖަރީމާތައް ހިންގާއިރު އުމަރު ހުންނެވީ "ރައީސް ޔާމީނާ އަތާ އަތްގުޅުވާލައި ކޮނޑާ ކޮނޑު ޖައްސަވައިގެން" ކަމަށް މަހްލޫފް ވިދާޅުވި އެވެ.
"ރައީސް ޔާމީނަކީ ސީދާ ގޭންގްތައް އޮޕަރޭޓްކުރާ ގޭންގް ލީޑަރު ކަމަށް އުމަރު ނަސީރު ވިދާޅުވި. އެކަމަކު އުމަރު ނަސީރު މިއަދު އެ ހުންނެވީ އެ ވިދާޅުވި ގޭންގް ލީޑަރާ އެކު،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް މިއަދު ވެސް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޔާމީނާއި ގޭންގްތަކާ އޮންނަ ގުޅުން ބޮޑެވެ. ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމާ ގުޅޭގޮތުން ވެސް ގޭންގްތަކުން ކަންބޮޑުވުންފާޅުކުރުމުން ރައީސް ޔާމީން އެ ގްރޫޕްތަކާ ބައްދަލުކުރެއްވި ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި ވިދާޅުވީ "ވަރަށް އަވަހަށް އުމަރު ވަކިކުރާނެ ކަމަށް" ރައީސް ޔާމީން އެ މީހުންނަށް ޔަގީންކަން ދެއްވި ކަމަށެވެ.
ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ: މާރާމާރީތައް އާއްމުވެފައިވާ މައްސަލާގައި އިއްތިހާދުން ވަނީ ރައީސާއި ހޯމް މިނިސްޓަރު އުމަރަށް ފާޑުކިޔުން އަމާޒުކޮށްފައި.
މާރާމާރީ ހިންގާ ގޭންގްތަކާއި ސަރުކާރާއި މުއައްސަސާތަކާއި ކޯޓުތަކާ ވެސް އޮންނަ ގުޅުން ބޮޑުކަމަށް ވިދާޅުވެ މަހްލޫފް ވިދާޅުވީ، މީހުން މަރަމުން ދަނީ "ހުރިހާ މުއައްސަސާތަކުން ވެސް ގުޅިގެން" ކަމަށެވެ.
އެމްޑީޕީގެ ނައިބު ރައީސް އަދި އިއްތިހާދުގެ ހިޔަނި ކެބިނެޓްގެ ޔޫތު މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވީ ރާއްޖޭގެ އަމަން އަމާންކަން ގާއިމްކުރަން ތިބި މީހުން ވަނީ ފެއިލްވެފައި ކަމަށެވެ. މީހުން މެރުން ކަންބޮޑުވާ ދަރަޖަ އަށް އާއްމުވެ ކޮންމެ ދުވަހަކު ޒުވާނެއްގެ ގަޔަށް ވަޅި ހަރަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރިކަން ގާއިމްކޮށްދިނުމަށް ވުރެ ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރަނީ ސިޔާސީ ހަރަކާތްތައް ހުއްޓުވައި ސިޔާސީ މީހުންގެ މައްޗަށް ތަހްގީގްތައް ހިންގުމަށެވެ.
"ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވަރަށް ބޮޑު އިހުމާލެއް މިކަމުގައިވޭ. ބައެއް ފަހަރަށް ހީވޭ އުމަރު ނަސީރު ހުންނެވީ މި ކަންކަން ހުއްޓުވަން ތައްޔާރަށޭ. އެކަމަކު ނުހުއްޓުވި ތާށިވެފައި ހުންނަވަނިއްޔޭ. އެހެންވިއްޔާ އިސްތިއުފާ ދެއްވަން ޖެހޭ،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޯމް މިނިސްޓަރު މަގާމުގައި ހުންނަވަން ޖެހިވަޑައިގަންނަވަނީ "ހަމައެކަނި ދައުލަތުގެ ވަޒީފާއެއްގެ ބޭނުމަގައެއް ނޫނެ"ވެ. ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށް ނުދެވޭނަމަ އެކަމުގެ ޒިންމާ އުމަރު ނަންގަވަން ޖެހޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގައި ވެސް މާރާމާރީ ހިނގި ކަމަށް އެއްބަސްވެވަޑައިގަންނަވަމުން ޝިފާޒް ވިދާޅުވީ އޭރު ގްރޫޕްތަކުގެ މެދުގައި މާރާމާރީ ހިންގިއަސް މި ސަރުކާރު އައި ފަހުން މިހާރު ކުރިއަށް ދަނީ "ރާވައިގެން މީހުން މެރުން" ކަމަށެވެ. އަދި މި ސަރުކާރުގައި މީހުން މަރާލާފައިވާ އަދަދަށް އޭރު މީހުން މަރާލާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާރާމާރީތައް ހައްލެއް ނުކުރެވުނު، އުމަރު އިސްތިއުފާ ދެއްވަން ޖެހޭ: އިއްތިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ