އައްޑޫގެ "ހިމޭން" މެމްބަރު

އަނެއްކާ ވެސް ހަަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ވާހަކަ އެވެ. ކޮންމެހެން ވެސް މި މެމްބަރުގެ ވާހަކަ ދައްކާ ނުލައި ފަރު ޖެއްސެން ނެތީ އެވެ.
ތައާރަފަކަށް ދާ ނަމަ މި މެމްބަރުންގެ ވާހަކަ ފަށާނީ މިހެންނެވެ؛ ޕާޓީ ބަދަލު ކުރުމުގެ ސިލްސިލާއެއް އޮތް މެމްބަރަކެވެ. މަޖިލިހުގެ ތަޅުމުގައި އޭނާ "ހިމޭނުން" އިންނެވިޔަސް އަހުލާގީ ގޮތުން އެއީ "ޕާފެކްޓް" މެމްބަރެކޭ ބުނުމުގެ ޖާގަައެއް އޮތް ކަމަކަށް ގަބޫލެެއް ނުކުރެ އެވެ. އެ ވާހަކަ ތަންކޮޅެެއް ފަސްކޮށްލީ އެވެ.
މަޖިލީޖުގެ ގޮނޑި ހޫނު ކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން މިހާތަނަށް އައި އިރު މަޖިލީހުގެ ތަޅުލުމުގައި ދުވަހަކު ވެސް އޭނާ ވާހަކައެއް ނުދައްކަވަ އެވެ. މާނައަކީ މިހާތަނަށް އެއްވެސް މައްސަލައެއްގައި އޭނާ ރައްޔިތުންގެ މަޖިލީހުގެ ތަޅުލުމުގައި ވަކާލާތު ކުރައްވައި، އަޑު އުފުއްލަވައިފައެެއް ނުވެ އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކެެއްގެ އަޑު އޭނާ ތަޅުމުގައި ހިއްސާއެއް ނުކުރައްވަ އެވެ. ފަހަރެއްގައި ވެސް އެއީ އޭނާ ތަމްސީލް ކުރައްވާ ދާއިރާގައި "އެއްވެސް މައްްސަލައެއް ނެތިިގެން" ހަނު ހުންނަަވަނީއެއް ނޫނެވެ.
ރައްްޔިތުންގެ ހައްގުގައި އޭނާ ވަކާލާތު ކުރައްވާނެ މައްސަލައެއް ނެތް ނަމަ އެކަން ވާނީ ވެސް ހަމަ "މުއުޖިޒާތަކަަަށް" ކަހަލަ ކަމަކަށެވެ. އެކަމަކު އެއީ ހަގީގަތް ކަމަށް ގަބޫލް ކުރާނީ ކާކު ބާވަ އެވެ؟
މިއީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ ވާހަކަ އެވެ. މަރަދޫ ދާއިރާއޭ ބުންޏަސް އޭނާ ތަމްސީލް ކުރައްވަނީ މަރަދު އާއި މަރަދޫފޭދޫ ދާއިރާ އެވެ. ރައްޔިތުން އޭނާ މަޖިލީހަށް ހަގީގަތުގައި ވެއްދީ އޭނާ އަށް ވުރެ ވަކީން ގާބިލްކަން ކުޑަ ކެންޑިޑޭޓުންތަަކެެއް 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާ އަށް ކުރިމަތިލެއްވުމަކުން ނޫނެވެ. ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި އޭރު އޭނާ އަށް އެ ގޮނޑި ކާމިޔާބް ކުރެއްވުނީ ދިވެހި ގައުމީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރެއްވުމުންނެވެ. ޑރ. ހަސަން ސައީދާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު ފަދަ ބޭފުޅުންގެ ފަހަތުގައި އާދިލް ހުންނެވުމަކީ އޭނާ އަށް އެ ގޮނޑި ކާމިޔާބް ކުރެއްވުމުގެ ހަގީގީ ސަބަބު ކަމަށް ގަބޫލް ކުރާ އެތައްް މީހުންނެއް އައްޑޫގައި އެބަ ތިއްބެވެ.
އެކަމަކު ފަހުން ފެނިގެން ދިޔައީ ކޮން މަންޒަރެއްތޯ އެވެ؟ ޕާޓީ ބަދަލު ކުރުމުގެ ޑްރާމާ އޭނާ ވެސް ކުޅުއްވަން ފެށްޓެވި ތަނެވެެ. މަޖިލީހުގެ ތަޅުމުގައި ވާހަކަ ނުދެެއްކެވިޔަސް އާދިލް ވިދާޅުވާ ގޮތުގައި އޭނާ ގައުމީ ޕާޓީ ދޫކުރައްވައި އެމްޑީީޕީ އާ ފަހުން ގުޅިވަަޑައިގަތީ ދާއިރާގެ ރައްޔިތުންގެ "އެދުމުގެ" މަތިންނެވެ. އަދި މިހާރު އޭނާ ހުންނެވި ޖުމްހޫރީ ޕާޓީ އަށް ވަޑައިގެންނެވީ ކޮން ރައްޔިތުންތަކެއްގެ އެދުމުގެ މަތިންތޯ އޭނާ އާ ސުވާލު ކުރަން ބޭނުންވާ ކިތަންމެ މީހުންނެއް މަރަދޫ އަދި މަރަދޫފޭދޫގައި އެބަ ތިއްބެވެ.
މިހާ ހިސާބުން އުފެދޭ ސުވާލަކީ ރައްޔިތުންގެ އަޑު އޭނާ އެއްސެވީ ކޮން އިރަކު، ކޮން ފޯރަމެެއްގައިތޯ އެެވެ؟ މަޖިލީހުގެ ގޮނޑި އަށް އިންތިހާބް ކުރެވުނު ފަހުން ވެސް އަަދި އޭގެ ކުރިން ވެސް އާދިލް ރައްޔިތުންގެ ގާތަށް ވަޑައިގެން ވާހަަކަ ދެއްކެވި ހަނދާނެެއް ހުރީ ކާކުގެ ތޯ އެވެ؟ އިންތިހާބަށް ކެމްޕޭން ކުރި އިރު ވެސް ރައްޔިތުންނަށް އޭނާ "ވިއްކުމުގައި ގަންނާނެބާ" ގޮވަމުން ގެންދެވި ބޭފުޅުންނަކީ ޑރ. ހަސަނާއި ޑރ. ޖަމީލެވެ.
އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ މެދުގައި ޓީވީއެމުން އޭރު ބޭއްވި ބަހުސްގައި ވީ ކިހިނެއްތޯ އެވެ؟ ވާހަކަ ދައްކަވަން ޖެހުމުން ސްޓޫޑިއޯ ތެރެއަށް "ހޭނެތިގެން" ވެއްޓުނީ އެވެ.
އެކަމަކު ޖެހިގެން އައި ރޭ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްޓައި އަދި ތިމާގެ ކިބައިގައި ގާބިލްކަން އެބަހުރިކަން ދެއްކުމުގެ ގޮތުން ޑޮކްޓަރަކު ގޮވައިގެން ވީޓީވީ އަށް އަރާ ވަޑައިގެން ވިދާޅުވީ "އެހެންވީ ސިއްހީ ހާލަތު ހުރި ގޮތުން" ކަމަށެވެ. ޑޮކްޓަރު ވެސް ވިދާޅުވީ އާދިލް ބަލިވެ އުޅުއްވާތީ އެރޭގެ ބަހުސެެއް ވަޑައިނުގަތުމަށް އިރުޝާދު ވެސް ދެއްވި ކަމަށެވެ.
އެކަމަކު އައްޑޫގެ ބައެއް ރައްޔިތުންނަށް އެކަންވީ "ފާޑެއްގެ ޖޯކަ"ކަށެވެ. އެހެންވެ މަރަދޫ ދާއިރާގެ މެމްބަރުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް ގަބޫލް ކުރި މީހުން ވެސް ހަމަ ބައިވަރެވެ. އެކަމަކު ގައުމީ ޕާޓީ އަށް އޮތް އިތުބާރެއްގެ މައްޗަށް އެ ދާއިރާގެ ރައްޔިތުން އާދިލް އާ ގޮނޑި އާދިލް އާ ހަވާލުކޮށްފި އެވެ. މިއަދު ފެންނަމުން ދަނީ އޭގެ ނަތީީޖާ އެވެ. އާދިލަކީ މަޖިލީހުގެ "ހަނު" މެމްބަރެވެ. އައްޑޫގެ "ހިމޭން" މެމްބަރެވެ.
ރައްޔިތުން އޭނާ އާ ދޭތެރޭ ދެކެނީ އެހެންނެވެ. މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވައި ވަކާލާތު ކުރެއްވުމުގެ ގާބިލްކަން އޭނާގެ ހުރިކަމާ ދޭތެރޭ އޮތީ ހައްތަހާ ވެސް ސުވާލްތަކެވެ. މިކަމަށް ދެން ފަހަރަކުން ރައްޔިތުން ވިސްނާނެ ކަމަށް ގަބޫލް ކުރެވެ އެވެ.
ރައްޔިތުން އާދިލް މަޖިލީހަށް ވެއްދި މަގުސަދު ހާސިލްވަމުން ދޭތޯ އެއީ ރައްޔިތުން މިހާރު ކުރާ ބޮޑު ސުވާލެވެ. އޭނާގެ ބޭނުމަކީ ކޮބައިތޯ އެވެ؟ ދާއިރާގެ ރައްޔިތުންނަށް އޭނާ މަޖިލިސް މެމްބަރަކަށް ހުންނެވުމުން ވީ ކޮން ފައިދާއެއްތޯ އެވެ؟ ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުންގެ އަޑު އޭނާ އައްސަވާތޯ އެވެ؟ އެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވަވާތޯ އެވެ؟
މި ހުރިހާ ސުވާލުތަކަށް ވެސް އޮތް ކުރު އަދި ހަގީގީ ޖަވާބަކީ "ނޫނެކޭ" އެވެ. އަނެއްކޮޅުން ރައްޔިތުން ހޮވި މެމްބަރަކީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާކޮށް، ޝަރީއަތް ވެސް ހިންގާފައިވާ މެމްބަރެކެވެ.
ބައެއް ރައްޔިތުން ދެކޭ ގޮތުގައި އެފަދަ މެމްބަރަކު ގާނޫނު ހަދާ މަޖިލީހުގައި އިންނެވުމަކީ ވެސް ލަތުވެތި ކަމެކެވެ. ގަބޫލް ކުރެވޭނެ ކަމެެއް ނޫނެވެ.
އާދިލްގެ ހަގީގަތް އެނގޭ މީހުން ބުނާ ގޮތުގައި އެއީ "ހަމަ ހަގީގަތުގައި ވެސް ހިނގި" ކަމެކެވެ.
ކޯޓުގައި އެކަން ސާބިތުވުމާއި ނުވުން އަދި އެއީ އެހެން ކަމެކެވެ. އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވި ނަމަ މަރަދޫ ދާއިރާގެ ގޮނޑި ގެއްލުނީ އެވެ. "ހަމަ ހަގީގަތުގައި ވެސް އެ ގޮނޑި ހުސްވީ" އެވެ.
ރައްޔިތުން ގަބޫލް ކުރާ ގޮތުގައި މަރަދޫ ދާއިރާ ގޮނޑިއަކީ މިހާރު ވެސް "ހުސް ގޮނޑި" އެކެވެ. އަޑެއްބަޑެއް ނީވޭ، ބީރުމަންމަން ގޮނޑިއެކެވެ. ތަފާތަކީ "ލޮލަށް ނުފެންނަ މެމްރަކު ގޮނޑި ހޫނު ކުރައްވާ" ކަމެވެ. އެހެންވެ ރައްޔިތުންނަކަށް މެމްބަރަކު ހުންނެވުމާއި ނެތުމުގެ ތަފާތެއް ވެސް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ