ބޮޑުފޮޅުދޫ ރައްޔިތުންނަށް ވެސް ރޯދަ ހަދިޔާއަކަށް ކަރަންޓް ބިލްގެ ބައެއް ހިލޭ

އއ. ބޮޑުފޮޅުދޫގެ ގޭބިސީތަކުގެ ރޯދަ މަހުގެ ކަރަންޓް ބިލްގެ ދެބައިކުޅައެއްބައި ކައުންސިލުން ދައްކައިދޭގޮތަށް ނިންމައިފި އެވެ.
ރޯދަމަހު ރައްޔިތުންގެ ޖީބަށް ލުއިކޮށްދިނުމުގެ ގޮތުން ރަށުގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލުގެ އެއްބައި ރަށު ކައުން ދޭގޮތަށް ބޮޑުފޮޅުދޫ ކައުންސިލުން ނިންމާފައިވާއިރު، އެ އަތޮޅު މާޅޮހުގެ ރޯދަ މަހުގެ ކަރަންޓު ބިލުންވެސް 50 ޕަސެންޓް ހިލޭކުރުމަށް މާޅޮހު ކައުންސިލުން ވަނީ ނިންމާފަ އެވެ.
ބޮޑުފޮޅުދޫއިން މިއަދު އަވަސް އަށް މައުލޫމާތުދެއްވަމުން ކައުންސިލުގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ، ރަށުގެ ހުރިހާ ގެއެއްގެ ރަމަޟާންމަހުގެ ކަރަންޓު ބިލުގެ އެއްބައި ދައްކަން އެރަށު ކައުންސިލުން އެންމެ ފުރަތަމަ ފެށީ 2014 ވަނަ އަހަރު ކަމަށެވެ. އޭގެ ފަހުން ކޮންމެ ރަމަޟާން މަހެއްގައި ވެސް އެ އުސޫލުން ކަރަންޓު ބިލުގެ 50 ޕަސެންޓް ކައުންސިލުން ދައްކަމުން ގޮސްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރަން ނިންމީ، ރޯދަ މަހަކީ އާންމުކޮށް ގިނަ ހަރަދުކުރަންޖެހޭ މަހަކަށް ވުމުން ރައްޔިތުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެން މިގޮތަށް އަމަލުކުރާތާ މިހާރު ވެދާނެ 2 އަހަރު. ބޭނުމަކީ ރޯދަމަސް ފަދަ މައްސަރެއް އަންނަ އިރު ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުން،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ކަރަންޓު ބިލުގެ އިތުރަށް ކޭބަލް ޓީވީގެ ބިލުން ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ރައްޔިތުންނަށް ހޯދައިދޭން ކައުންސިލުން މަޝްވަރާކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ވަކި ގޮތެއް ނުނިމޭ ކަމަށެވެ.
ބޮޑުފޮޅުދޫގެ ހުރިހާ ގޭބިސީއެއްގެ ރޯދަ މަހުގެ ކަރަންޓުބިލުގެ ފަންސާސް ޕަސެންޓް ކައުންސިލުން ދައްކަން ނިންމާފައިވާއިރު އެރަށުގައި 700 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ