އައްޑޫގައި އުޅޭ ބިދޭސިން 'ހަމަ މަގަށް' އަޅުވަން އޮޕަރޭޝަނެއް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން އައްޑޫގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް 'އޮޕަރޭޝަން ހަމަ މަގު'ގެ ނަމުގައި އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ވީ ކިހިނެއް؟ - އިމިގްރޭޝަނުން ބުނީ އައްޑުއަށް އަމާޒުކޮށްގެން ފެށި މި އޮޕަރޭޝަނަކީ މި އަހަރުގެ އެންމެ ބޮޑު ރެއިޑު އޮޕަރޭޝަން ކަމަށެވެ.
ތަފްސީލް - އައްޑުއަކީ ބިދޭސީންގެ ބޮޑު އާބާދީއެއް އުޅޭ ތަނަކަށް ވާތީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މުޅި އައްޑުއަށް އަމާޒުކޮށްގެން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ޓާސްކް ފޯހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި:
އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހާއި ޑެޕިޔުޓީ ކޮންޓްރޯލަރު އަހުމަދު އަޝްފާން ބައިވެެރިވެވަޑައިގަންނަވާ
ޖުމްލަ 35 އިމިގްރޭޝަން އޮފިސަރުން ބައިވެރިވޭ
އައްޑޫ ފުލުހުންނާއި ސިޓީ ކައުންސިލުގެ މެންބަރުން ވެސް ބައިވެރިވޭ
މި އޮޕަރޭޝަނުގެ ދަށުން:
އައްޑޫގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށް އިމިގްރޭޝަނުގެ ބެލުމުގެ ދަށުން މާލޭ ޑިޓެންޝަން ސެންޓަރަށް ގެންނާނެ
މިފަދަ ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ދިވެހިންނަށް ނޯޓިސް ދޭނެ
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ މަގުސަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުން ކަމަށެވެ.
މީގެ އިތުރުން:
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި އޮޕަރޭޝަން ފުޅާކުރާނެ
ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތްކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސިން ދެނެގަންނާ
އެ މީހުންނަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ
ފާހަގަ ކުރެވޭ - ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސިންގެ މައްސަލައަށް ހައްލު ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ 150،000 މަސައްކަތު މީހުންގެ ފޭޝަލް ރިކޮގްނިޝަން ނުވަތަ މޫނު ދެނެގަތުމަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް ހަމަކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ