މިއީ ސިޔާސީ "ކުޅިގަނޑެއް"، އެލްޖީއޭއަށް ދުލެއް ނުދޭނަން: ތިނަދޫ މޭޔަރު

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނާއާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑްކުރީ ސިޔާސީ ބޭނުމުގައި ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ މިރޭ ވިދާޅުވެއްޖެއެވެ. އެ ބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ، އެ އޮތޯރިޓީއާއި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވާ ޖުމުލަ 19 ކަމެއް ހިމެނޭ އިންކުއަރީއެއް ހެދުމަށްފަހުގައެވެ. އެކަމާ ގުޅިގެން ތިނަދޫގެ މޭޔަރު 'ސަން'އަށް ވިދާޅުވީ، ސަސްޕެންޑުކުރި ކަން އެނގުނީ މިއަދު އެލްޖީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ކަމަށެވެ. އެކަން ރަސްމީކޮށް އަންގާފައިނުވާކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ، މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރިއަށްދާ ސިޔާސީ 'ކުޅިގަނޑެއް' ކަމަށެވެ. ތިނަދޫ ކައުންސިލް މެންބަރުން ------ "އެލްޖީއޭ ހިންގަނީ ނިއުސް ކޮންފަރެންސުން ކަމަށް އަޅުގަނޑު މި ގަބޫލުކުރަނީ. އެލްޖީއޭގެ ބޯޑު މި ހިންގަނީ ސޯޝަލް މީޑިއާގައި މިނިސްޓަރަށް އެއްޗެހި ގޮވީމައި ބޭނުންވާ ގޮތަކަށް ކަންކަން ނިންމާ ތަނެއްގެ ގޮތުގައި. ލާމަރުކަޒީ ނިޒާމަށް އޮތް ހުތުރެއް އެލްޖީއޭއަކީ," އޭނާ ވިދާޅުވިއެވެ. އެ ބޭފުޅުން ސަސްޕެންޑުކުރުމަކީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގަވައިދާ ޚިލާފަށް ކޮށްފައިވާ ކަމެއްކަމަށް ސައުދު ތުހުމަތުކުރެއްވިއެވެ. އެ މައްސަލައިގައި އިންސާފު ހޯދުމަށް އެކައުންސިލުން މަސައްކަތް ކުރާނެ ކަމަށާއި އެލްޖީއަށް ވީތީ ވަކި މައްސަލަ ނުބަލައި، ދޫކޮށްނުލާނެކަމަށް ވެސް އޭނާ ފާހަގަކުރެެއްވިއެވެ. އަދި އެލްޖީއޭއިން ދިނީ ލާމަރުކަޒީ ނިޒާމަށް ކަޅު ދުވަސްތަކެއް ކުރިމަތިވާނެކަމުގެ ފެހު ސިގުނަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ގާނޫނީ ޓީމުން ކުރިއަށް ގެންދާނެ އެ ކަންތައްތައް ދިރާސާކުރުމަށް ފަހުގައި. ލޯކަލް ގަވަމެންޓް އޮތޯރިޓީއަކަށް ދުލެއް ނުކުރާނަން،" އޭނާ ފާހަގަކުރެއްވިއެވެ. އެ މައްސަލަ އެމްޑީޕީއާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ކުށްވެރިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ