ތައިލެންޑުން ކެމްބޯޑިއާ ބޯޑަރު ބަންދުކޮށްފި

ދެކުނު އިރުމަތީ އޭޝިއާގެ ދެ ގައުމުގެ މެދުގައި މިހާރު ހިނގަމުންދާ ބޯޑަރު މައްސަލައަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ސަލާމަތީ ސަބަބުތަކާ ހުރެ ތައިލެންޑްގެ އަސްކަރިއްޔާއިން ކެމްބޯޑިއާ ބޯޑަރު ބަންދުކޮށްފި އެވެ.
އެ ދެ ގައުމުގެ ގުޅުން ހީނަރުވާން ފެށީ ބޯޑަރު ސަރަހައްދެއްގައި ކުރު މުއްދަތަކަށް ހިންގި އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން މިދިޔަ މަހުގެ ފަހުކޮޅު ކެމްބޯޑިއާ ސިފައިންގެ އެކަކު މަރުވުމުންނެވެ. އޭގެ ފަހުން ދެ ސަރުކާރުން ވެސް ވަނީ އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް އަދަބު ދިނުމުގެ ގޮތުން ފިޔަވަޅުތަކެއް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ކެމްބޯޑިއާއިން ދާދި ފަހުން ތައިލެންޑުން ތެލާއި ގޭސް އެތެރެކުރުން ހުއްޓާލުން ވެސް ހިމެނެ އެވެ.
ކެމްބޯޑިއާގެ ބޯޑަރު ހިއްސާކުރާ ހަތް ޕްރޮވިންސްގެ ހުރިހާ ބޯޑަރު ޗެކްޕޮއިންޓްތަކުގައި ހުރިހާ ވެހިކަލްތަކާއި ޓޫރިސްޓުންނާއި ވިޔަފާރިވެރިން ދަތުރުކުރުން މިހާރު ތައިލެންޑުން ލިމިޓް ކުރާނެ ކަމަށް އަސްކަރިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އިންސާނީ ސަބަބުތަކަށްޓަކައި ބޭސްފަރުވާ ބޭނުންވާ ފަރާތްތަކާއި ދަރިވަރުންނާއި އެހެނިހެން ޒަރޫރީ ހާލަތްތަކުގައި އިސްތިސްނާތަކެއް ދޭނެ ކަމަށާއި އެކަން ކަނޑައަޅާނީ ޗެކްޕޮއިންޓްތަކުގައި ތިބޭ ސަލާމަތީ ބާރުތަކުން ކަމަށެވެ.
އެ ފިޔަވަޅުތަކަކީ މިހާރު ސަލާމަތީ ހާލަތާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ވެސް އަސްކަރިއްޔާއިން ބުންޏެވެ. ވަކިން ހާއްސަކޮށް ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުންނާއި އަސްކަރީ ގޮތުން ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި އެ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އަސްކަރިއްޔާއިން ބުނީ އެ ފިޔަވަޅުތަކުގެ ސަބަބުން ކެމްބޯޑިއާގައި ގާނޫނާ ހިލާފަށް ހިންގާ ސްކޭމް ސެންޓަރުތައް ހުއްޓުވުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށާއި އެކަން ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ އިއްޔެ ފާހަގަކުރެއްވި ކަމަށެވެ.
ޕެޓޮންގްޓާން ވިދާޅުވީ ތައިލެންޑުގެ ބޯޑަރު ހުރަސްކޮށް ގަވައިދާ ހިލާފަށް ކަންކަން ކުރާ ސަރަހައްދުތަކަށް ކަރަންޓު ފަދަ ޒަރޫރީ ތަކެތި ފޯރުކޮށްދިނުން ހުއްޓާލާނެ ކަމަށެވެ.
ހާއްސަކޮށް އެކަމަނާ އާއި ކެމްބޯޑިއާގެ ކުރީގެ ލީޑަރު ހޫން ސެންއާ ދެމެދު ފޯނުން، ތައިލެންޑުގެ އަސްކަރިއްޔާގެ އިސް އޮފިސަރަކާ ބެހޭ ގޮތުން އެކަމަނާ ދެއްކެވި ވާހަކަތައް ހާމަވުމާ ގުޅިގެން ބޮޑުވަޒީރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ