ރުފިޔާއިން މުސާރަ ދޭތީ މަންޓާގެ ޕައިލެޓުން ހަޅުތާލު ކުރަން ނިންމައިފި ރުފިޔާއިން މުސާރަ ދޭތީ މަންޓާގެ ޕައިލެޓުން ހަޅުތާލު ކުރަން ނިންމައިފި

ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅި ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތާ ގުޅިގެން މަންޓާ އެއާއަށް ޑޮލަރުގެ ތާށިކަން ބޮޑުވެ، މުވައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ މުސާރައިގެ 50 ޕަސެންޓު ދިވެހި ރުފިޔާއިން ދެމުންދާތީ އެ ކުންފުނީގެ ޕައިލެޓުން ހިމެނޭހެން ހުރިހާ މުވައްޒަފުން ހަޅުތާލު ކުރަން ނިންމައިފި އެވެ.
ސަރުކާރުން ތަންފީޒުކުރަން ފެށި ޑޮލަރުގެ ސިޔާސަތާ ގުޅިގެން 20 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުވާތީ، މަންޓާގެ މުވައްޒަފުންނަށް މީގެކުރިން ޑޮލަރުން ދެމުންދިޔަ މުސާރައިގެ 50 ޕަސެންޓު ދިވެހި ރުފިޔާއިން ދޭން ފެށީ އެޕްރީލް މަހުން ފެށިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަންޓާގައި 50 ޕައިލްޓުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 10 ޕައިލެޓުން މަސައްކަތް ކުރަނީ މެނޭޖުމަންޓް ފަޅީގަ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަންޓާގެ މުވައްޒަފުން ހަޅުތާލުކުރާނީ އޮގަސްޓު ތިންވަނަ ދުވަހު އެވެ. އެ ކަން މިހާރު މެނޭޖުމަންޓަށް ވެސް ވަނީ އަންގާފަ އެވެ.
"އެ ދުވަހު ދަތުރުތައް ކުރާ ޕައިލެޓުންނާއި ކްރޫއިން މަސައްކަތަށް ނުނިކުންނާނެ،" އަދަދު ނޫހާ ވާހަކަ ދެއްކި ޕައިލެޓަކު ބުންޏެވެ.
މަންޓާގެ އޮފިޝަލަކު "އަދަދު" ނޫހަށް ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ނިންމީ އެ ކުންފުންޏަކީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުންޏަކަށް ވުމުން ކަމަށެވެ.
"އެކަމަކު މިހާރު ލިބޭ ޑޮލަރުން ބައެއް މާރުކުރަން ސަރުކާރުން މަޖުބޫރު ކުރުމުން، ކުންފުންޏަށް ވެސް އެކަމުގައި މާލީ ގެއްލުން އެބަވޭ. އެހެެންވެ، ކުންފުނި ސަލާމަތް ކުރަން ވެގެން މުސާރައިން އެއްބައި ރުފިޔާއަށް ބަދަލުކުރީ. އެފޯޑު ނުކުރެވޭ ކަމެއް ކިހިނެއްތޯ ތަންފީޒުކުރާނީ," އޭނާ ބުންޏެވެ.
އެޕްރީލް މަހު ގެނައި ބަދަލަށް ފަހު މެނޭޖުމަންޓާ ގިނަ މަޝްވަރާތަކެއް ކުރި ކަމަށާއި ނަމަވެސް ކުރިން އޮތް ގޮތަށް މުސާރަ ނުދެވެނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަމަށް ކުންފުނިން އަންގާފައިވާ ކަމަށް އިހުތިޖާޖުގެ މައުލޫމާތު އެނގޭ މީހަކު އަދަދު އަށް ބުންޏެވެ.
މިފަހުން ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުން ވެސް އިހުތިޖާޖު އިއުލާން ކުރުމުން މުސާރަ އެއްކޮށް ޑޮލަރުން ދޭން އެ ކުންފުނިން ނިންމި އެވެ.
އެއީ ޑޮލަރު މާރުކުރުމުގެ ސިޔާސަތު އެމްއެމްއޭއިން ހަމަހަމަކަމާއެކު ތަންފީޒު ކުރަމުންދާކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް މަންޓާއިން ބުނެފައިވެ އެވެ.
"ޑޮލަރަށް މާބޮޑަށް ބަރޯސާވެފައިވާ މި ކުންފުނީގެ ވާދަވެރިއެއް [ޓީއެމްއޭ] އިން އެ ކުންފުނީގެ މުވައްޒަފުންނަށް 100 ޕަސެންޓު ޑޮލަރުން މުސާރަ ދޭން އަލުން ނިންމާފައިވުމުން ގަވާއިދުތައް ތަންފީޒު ކުރުމުގައި އެއް ހަމައެއް ގެންގުޅޭ ކަމާމެދު ސުވާލު އުފެދެ އެވެ. މާކެޓުގައި ވަކި ބަޔަކަށް އިސްތިސްނާތަކާއި ލުއިތައް ދިނުމަކީ ހަމަހަމަ ވާދަވެރިކަމުގެ އުސޫލުތަކަށް އުނިކަން އަންނާނެ ކަމެއް،" މަންޓާއިން، ޖުލައި 22 ގައި ނެރުނު ބަޔާނުގައި ބުންޏެވެ.
ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ ތާށިކަން އިތުރުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 20.20ރ. ގަ އެވެ. މި އަގަށް ވެސް ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ