ރަލާ އެންމެ ގާތް މާހައުލުގައި ރިސޯޓް ބާ ގައި ނުވަ އަހަރު މިއުޒިކު ކުޅެން ހޭދަކުރެވުނު ކަމަށާ ދުވަހަކުވެސް މާތްﷲ ގެ ރަހްމަތުން ރަލުގެ ތިއްކެއްވެސް ދުލުގައި ޖައްސައި ނުލައި އެ ނުބައި އަމަލުން ސަލާމަތްވުމުގެ ފުރުސަތު މިންވަރު ކުރެއްވި ކަމަށް އަލީ ރަމީޒު ވިދާޅުވެެއްޖެ އެވެ.
އާންމުންގެ މެދުގައި އެންމެ މަގުބޫލު ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނޭ އަލީ ރަމީޒު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ޕޭޖުގައި މިރޭ އާންމު ކުރެއްވި ވީޑިއޯއެއްގަ އެވެ.
146,000 ވުރެ ގިނަ މީހުން ފޮލޯކުރާ އަލީ ރަމީޒު ވަނީ ތ. އަތޮޅު ބުރުނީގައި ދިވެހި ރުކު ރަލަށް އިންސާފު ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ ހިއްސާކޮށްފަ އެވެ. ދިވެހި ރުކު ރަލުގެ މީރު ކަމުގެ ވާހަކަ ހިއްސާކޮށް އަދި މާތް ރަސްކަލާންގެ ހުއްދަ ކުރެއްވި ތަކެތި ހުއްދަ ގޮތުގައި ބޭނުން ކުރުމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ހިއްސާކުރި އެ ޕޯސްޓްގައި އަލީ ވަނީ އޭނާގެ މިއުޒިކު ހަޔާތުގެ ހަނދާނެއް ހިއްސާ ކުރައްވާފަ އެވެ.
"އަޅުގަނޑު މިއުޒިކުގެ ހަޔާތުގައި ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން ހޭދަކުރިއިރުގައި -- މިއުޒިކު މި ބުނީ ބާ ތަކުގައި ރިސޯޓްތަކުގައި -- އެއީ ދެން ރަލާ ވަރަށް ގާތް, އެންމެ ގާތް މާހައުލު އެއީ ދެއްތޯ ރިސޯޓެއްގައި ވެއްޖިއްޔާ. ދެން މާތްﷲ ގެ ރަހްމަތުން ٱلْحَمْدُ لِلَّٰهِ, އެޔޮއް ގާތްކޮށް އުޅެވުނު އިރުގައިވެސް, ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ ދުވަހަކުވެސް އެ ބަނގުރަލުގެ ތިއްކެއްވެސް ދުލުގަ ޖައްސައި ނުލަން. ٱلْحَمْدُ لِلَّٰهِ,"
އަލީ ވިދާޅުވީ އެއީ މާތްރަސްކަލާންގެ މިންވަރު ކުރެއްވި ބޮޑު ނިއުމަތެއް ކަމަށެވެ. އެ ނިއުމަތަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށެވެ.
"މީގައި ދެންނެވީ މިއީ ﷲގެ ރަހްމަތޭ. އެއީ ދަންނަ ވަރަށް ގިނަ މީހުން, ގާތް ވަަރަށް ގިނަ މީހުން އުނގުޅި އޭގެ ރަހަ ބަލާ އޭގެ އިސްތިއުމާލު ކުރަމުން ދިޔައިރުގައި އެކަން އަޅުގަނޑަށް ނުކުރެވޭނީ އެއީ ހަމަ ޔަގީނުން ވެސް ﷲގެ ރަހްމަތް. ٱلْحَمْدُ لِلَّٰهِ,"
ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާކޮށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔަތުއްސަލަފު އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޖަމިއްޔާގެ އިސް މަގާމުތަކެއް ފުރުއްވާ ދީނީ އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ އަލީ މިހާރު ވަނީ "މަންފާ" ނަމުގައި ޖަަމިއްޔާއެއް އުފައްދަވާ ކުރީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރައްވާފަ އެވެ.
ލަވަޔާ މިއުޒިކުގައި ރާއްޖޭގައި އެންމެ މަޝްހޫރުކަން ހޯދި އަލީ ރަމީޒު އެކަމުން ދުރުވީ އެއީ ދީނީ ގޮތުން ހުއްދަ ނޫން ކަމަކަށް ވާތީ އެވެ. ދިވެހީންގެ ވަރަށް ލޯބްތަކާއި އިހްތިރާމެއް އޮތް އަލީ ރަމީޒު ގެންދަނީ ދައުވަތުގެ މައިދާނުގައި ވަަރަށް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.
ރަލާ އެންމެ ގާތް މާހައުލުގައި ނުވަ އަހަރު މިއުޒިކު ކުޅެން، ރަލުގެ ތިއްކެއްވެސް ދުލުގައި ޖައްސައި ނުލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ