ހިދުމަތްނުކޮށް ދެވިގެން އުޅެނީ އެމްޑީޕީ ބައިބައިވެގެން: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންނަށް ހިދުމަތްނުކޮށް ދެވިގެން އުޅެނީ އެމްޑީޕީ ބައިބައިވެފައި އޮތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އޮއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާބިތުކަމާއި ކެތްތެރިކަމާ އެކީގައި ކަންކަން ކުރިއަށް ގެންދަވާތީ އުފާ ކުރައްވާ ކަމަށެވެ.
"އަޅުގަނޑު އުފާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޕާޓީގެ (އެމްޑީޕީ) ތެރޭގައި ހަމަނުޖެހުން ހުރިއިރު ވެސް އެމަނިކުފާނު ސާބިތުކަމާއި ކެތްތެރިކަމާ އެކީގައި ކަންކަން ކުރިއަށް ގެންދަވާތީ. އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑުގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވިގެން މިއުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން،" މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކައިގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ވިސްނުން ގެންގުޅުނީ ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީންނާއި އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ. ގާސިމް ވިދާޅުވި ގޮތުގައި، އެއީ ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވިސްނުންފުޅެކެވެ.
ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ އުސޫލުތައް ހިމެނޭ ބާބެއް ގާނޫނުއަސާސީގައި ލިޔެފައި ވަނީ ހާއްސަ މަޖިލިހުގައި ތިއްބެވި މައުމޫނަށް ތާއީދު ކުރައްވާ މެމްބަރުންގެ ސަބަބުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭރުގައި މައުމޫނަށް ތާއީދު ކުރައްވާ 113 މެމްބަރުން އަދި އިސްލާހަށް އޭރު މަސައްކަތް ކުރެއްވި 29 މެމްބަރުން ތިއްބެވިއެވެ.
"މައުމޫން ބޭނުންފުޅު ނުވި ނަމަ ލާމަރުކަޒީ އުސޫލުން (ރާއްޖެ) ހިންގުމަށް ގާނޫނުއަސާސީގައި ލިޔެވި ދިޔައީސްތޯ؟ ނުދާނެ،" މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ވުޖޫދަށް ގެންނެވުމުގައި މުހިންމު ރޯލެއް އަދާކުރެއްވި ގާސިމް ވިދާޅުވިއެވެ.
އެކަމަކު، ގާސިމް ވިދާޅުވި ގޮތުގައި އެ ވާހަކަތައް އޭނާ ހާމަކުރެއްވީ މައުމޫނަށް ތައުރީފް ކުރަން ނުވަތަ އެހެން މީހަކަށް އުނިކަމެއް ލިބުނަ ދިނުމަށް ނޫނެވެ. އެއީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެގޮތުން ލާމަރުކަޒީ އުސޫލު ރާއްޖެ އަށް ގެނައުމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެކަން ދިޔައީ މައުމޫންގެ ރުހުން ވެސް އޮވެގެން،" ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ބޭރުގެ ޕްރެޝަރާއި ދިވެހިން ބޭނުންވެފައި ތިބި ކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވިއެވެ.
ސަރުކާރުގެ ބޮޑެތި މަގާމުތަކެއް މީގެކުރިން ފުރުއްވި ގާސިމް ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް މަސައްކަތް ކުރައްވަނީ ފެންވަރުންނެވެ. ރެއާއި ދުވާލު މަސައްކަތް ކުރައްވަނީ ދީނީ އަދި ގާނޫނީ ހަމަތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ބައެއް ބޭފުޅުން ވެރިކަމަށް ވަޑައިގެން "ހެއްދެވިހާ ދޮގު ހަދަމުންދާ މަންޒަރު" ފެންނަމުންދާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކޮންމެ މީހަކު ވެރިކަމަށް އައިސް މި ފެންނަނީ ހެއްދެވިހާ ދޮގު ހަދަމުންދާ ތަން. ވަރަށް މާފު ކުރައްވާ. ހިޔާނާތްތެރިވަމުންދާ ތަން. އަބަދުވެސް ރީތި ވާހަކަ ދައްކަވާ ކޮންމެ ބޭފުޅަކު ވެސް،" ވަކި ބޭފުޅެއްގެ ނަން ނުގެންނަވައި ގާސިމް ވިދާޅުވި އެވެ.
"ކޮންމެ މީހަކު ވެސް ވެރިކަމަށް އައިސްފައި އަބަދުވެސް ދައްކަނީ އެއް ވާހަކަ. ކުރަނީ އެއް ކަމެއް ވެރިކަމަށް އަންނަން. ކަންތައް ކުރަނީ އަނެއް ގޮތަށް،"
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަނީ އެ ޕާޓީ އަށް މީހުން އިތުރުކޮށް، ޕާޓީ ވަރުގަދަ ކުރަން ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަކީ އަމާޒެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
"ކޮންމެ ފަދަ ނިކަމެތިކަމެއް އަޅުގަނޑަށް ދިނަސް، އަޅުގަނޑުގެ އަނބިދަރިންނަށް ދިނަސް އަޅުގަނޑުގެ މުދަލަށް ދިނަސް ކުރާ މަސައްކަތަކީ މިއީ،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ