ފަރުމަހުގެ މަސްވެރިކަން ކުރާ މީހުން މަގުމަތި ވެއްޖެ، ގޮތެއް ހޯދައިދޭން ޖެހޭ: މެމްބަރު ޢަލީ

ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ހުއްޓި، ރިސޯޓުތަކުން ފަރުމަސް ގަތުން މެދުކަނޑާލުމާއި ގުޅިގެން ރިސޯޓުތަކަށް ފަރުމަސް ވިއްކައިގެން އާމުދަނީ ހޯދަމުން ދިޔަ ފަރުމަހުގެ މަސްވެރިކަންކުރާ މަސްވެރިން މަގުމަތިވެއްޖެ ކަމަށާއި، އެމަސްވެރިންނަށް މަސްވިއްކޭނެ މަގެއް ހޯދައިދޭން ޖެހޭކަމަށް ރައްޔިތުން މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
މަސްހޫރު ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތައް ހުއްޓިފައި މިވާ ދަނޑިވަޅުގައި، ފަރުމަހުގެ މަސްވެރިކަން ކޮށްގެން ރިސޯޓުތަކަށް ފަރުމަސް ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔަ އެތައް ޢާއިލާއެއް މަގުމަތިވެއްޖެ ކަމަށެވެ. އަދި ފަރުމަހުގެ މަސްވެރިކަންކުރާ މަސްވެރިން ބާނާ މަސް ވިއްކޭނެ މަގެއް ހޯދައިދިނުމަށް ޢަލީ ވަނީ ގޮވާލަށްވާފައެވެ.
އެކަމާއި ގުޅިގެން މެމްބަރު ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފަރުމަހުގެ މަސްވެރިން ކުރާ ފަރާތްތައް ބާނާ ފަރުމަސް ގަނެ އެކްސްޕޯޓު ކުރެވޭނެ ގޮތެއް ހޯދުން އިންތިހާއަށް މުހިންމު ކަމަށެވެ. އަދި ފަރުމަހުގެ މަސްވެރިކަން ކުރާ މީހުންގެ އުންމީދަކީވެސް އެއީ ކަމަށް ޢަލީ ވިދާޅުވިއެވެ. އަލީ ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެ މަގު ފަހިކޮށް ދިނުމަށް އެދޭކަމަށެވެ.
މެމްބަރު ޢަލީ އިތުރަށް ވިދާޅުވީ އެނާ ނިސްބަތްވެ ވަޑައިގަންނަވާ ކެންދޫ ދާއިރާގައި ފަރުމަހުގެ މަސްވެރިކަން ކޮށްގެން ރިސޯޓުތަކަށް މަސްވިއްކައިގެން އާމްދަނީ ހޯދާ މީހުން މިހާރުތިބީ މަސް ވިއްކޭނެ ގޮތެއް ނެތިފައި ކަމަށެވެ. އަދި ބ. އަތޮޅާއި އެހެނިހެން މިމަސައްކަތްކުރާ ފަރުމަހުގެ މަސްވެރިކަން ކުރާ މީހުންވެސް ތިބީ މަސް ވިއްކޭނެ ގޮތެއްނެތި، ލިބެމުންދިޔަ އާމްދަނީ ލިބުން ހުއްޓިފައި ކަމަށެވެ.
ޢަލީ ވިދާޅުވީ އެފަދަ ޢާއިލާތަކަށް ދިމާވާނެ ދަތިކަން އިހްސާސް ކުރެއްވޭކަމަށާއި، އެހެންކަމުން މިކަމަށް ވީ އެންމެ އަވަހަކަށް ހައްލެއް ލިބުން އެދޭކަމަށެވެ.
ރާއްޖޭގައި ރިސޯޓުތައް އޮންނަ އަތޮޅުތަކުގައި އެ ރިސޯޓުތަކަށް ފަރުމަސް ވިއްކައިގެން އެ އަތޮޅުތަކުގެ އެ މަސައްކަތްކުރާ މީހުން ރަނގަޅު އާމްދަނީއެއް ހޯދައެވެ. ނަމަވެސް މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން، ރިސޯޓުތައް ހުއްޓިފައިވާތީ އެރަށްތަކުގެ ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކުން މަސްވިއްކޭނެ ގޮތެއް ނެތުމުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ