ފްލައިން ސްކޫލް ސަރުކާރަށްވުރެ މަތީގައި، ދަރިވަރުން ބިރުވެރިކަމެއްގައި، ޓީޗަރުން ހަޅުތާލުގައި!

އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލް، އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނަށް އެކި ގޮތްގޮތުން ގެއްލުންވާތީ އެ ސުކޫލުގައި ކިޔަވާކުދިން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އޭއޭއޭ ދަރިވަރުންގެ ޔޫނިއަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 18 މަސް ދުވަހުން ފުރިހަމަ ކޮށްދިނުމަށް އެއްބަސްވެފައިވާ ކޯސް ނުނިމި 4 އަހަރަށްވުރެ ގިނަދުވަސްވެ، ދަރިވަރުންނާއި ބެލެނިވެރިންނަށް ގޮތް ހުސްވެ، އާދޭސްތައް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކާއި ހިއްސާކުރަމުން ދިޔުމުގައި 6 މަސްދުވަސް ފާއިތުވެފައިވާ ކަމަށެވެ.
އެހެންނަމަވެސް އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ހާލަތަށް އެއްވެސްވަރެއްގެ ހައްލެއް އަދިވެސް ނުލިބޭ ކަމަށް ބުނެފައި ވެއެވެ.
އެޕްރީލް 1 ވަނަ ދުވަހުން ފެށިގެން އެސްކޫލްގައި އުދުހޭނެ އެއްވެސް ބޯޓެއް ނެތްކަން ފާހަގަކޮށް އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން ބުނީ، މި ހާލަތުގައިވެސް ސްކޫލުގެ ފަރާތުން ރަސްމީކޮށް ދަރިވަރުންނަށް އެއްވެސް ސިފައެއްގައި ހުރިހާ ބޯޓުތައް ގްރައުންޑްވިކަން އަންގާފައި ނުވާ ކަމަށެވެ. މިމައުލޫމާތުތަކަކީ ސިވިލް އޭވިއޭޝަނުގެ އޮފިޝަލަކު ދަރިވަރުންނާ ހިއްސާކުރި މައުލޫމާތުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
އެޔޫނިއަނުން ދެކޭ ގޮތުގައި ބޯޓުތައް ގްރައުންޑްވުމަކީ ސްކޫލުގެ އިހުމާލުން ދަރިވަރުންނަށް ލިބެމުންދާ ސިލްސިލާ ގެއްލުންތަކަށް އިތުރުވި ބޮޅެއް ކަމަށްވެސް ބުނެފައިވެއެވެ.
ސްކޫލްގެ އިހުމާލުން ދަރިވަރުންނަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، މިފަދަ ކަންކަން ތަކުރާރުވުމުގައި ސްކޫލް ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ފަރާތްތަކަށް އެޒިންމާ އެންމެ އެކަށީގެންވާ ގޮތެއްގައިއަދާ ނުކުރެވޭކަމަށް ގަބޫލުކުރާ ކަމަށްވެސް އޭއޭއޭގެ ދަރިވަރުންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.
ފާއިތުވި ހަމަސް ދުވަސްތެރޭ ދަރިވަރުން ދިމާވެފައިހުރި ކަންބޮޑުވުންތައް ހިއްސާ ނުކުރާ އިދާރާއެއް މަދުވާނެކަން ފާހަގަކޮށް އެ ޔޫނިއަނުން ބުނެފައިވަނީ، ސްކޫލްގެ ދަރިވަރުންނަށް ފުރައްސާރަކުރާ މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައި އޮންނަތާވެސް ތިންމަސްވެގެން ހިނގައްޖެ ކަމަށެވެ. ހިތާމައަކީއެ މައްސަލަ ކުރިއަށްދާ ގޮތުގެ އެއްވެސް މައުލޫމާތެއް މިއަދާއި ހަމައަށްވެސް ލިބިފައި ނުވުންކަމަށް ބުނެފައި ވެއެވެ.
ދަރިވަރުންގެ ކޯސް ނިންމަން ބޭރަށް ފޮނުވަން މަސައްކަތް ކުރައްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވި ވާހަކަތަކަށާއި، ދަރިވަރުންނާއިމެދު އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ވާހަކަފުޅާއި އަދި ރައްޔިތުންގެ މަޖިލިސްގެ ފަރާތުން މިމައްސަލައާއި ގުޅިގެން ފާސްކޮށްފައިވާ ރިޕޯޓުގައި ހިމެނޭ ކަންކަމަށްވެސް އަމަލީގޮތުން އެއްވެސް ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާކަންވެސް ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދަރިވަރުންގެ ކޯސް ހުއްޓިފައިވަނީ ޕާފޯމެންސް ދަށްވެގެން ނޫންކަމަށާއި، ދަރިވަރުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމުގެ އިހުލާސްތެރިކަމެއް ސްކޫލްގައި ނެތީމަކަމަށް އޭއޭއޭ ދަރިވަރުންގެ ޔޫނިއަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެެވެ.
ސަރުކާރުގެ ފަރާތުން އޭއޭއޭއަށް ފިޔަވަޅެއް ނޭޅޭނެކަމަށް އެމީހުންނަށް ޔަގީންވާތީ، މިކަމުގެ ޝަކުވާކުރާ ދަރިވަރުންނަށް ބިރުދެއްކުމާއި، އެކުދިންނާ ދެކޮޅަށް ފިޔަވަޅުތައްވެސް މިހާރު އަޅަމުންދާ ކަމަށް ދަރިވަރުން ބުނެއެވެ.
ނުވިތާކަށް، ފްލައިން ސްކޫލްގައި ކިޔަވައިދޭ ޓީޗަރުންނަށް މުސާރަ ނުދޭތީ އެމީހުން މިހާރު ތިބީ ހަޅުތާލުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ