ރިޔާސީ ކެންޑިޑޭޓުގެ ފަހަތުގައި ނުގުޑާފަދަ އަޒުމެއްގައި ތިބޭން ޖެހޭނެ: މައުމޫން

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ކޮންމެ ބޭފުޅަކު ވާދަކުރެއްވިޔަސް އެ ބޭފުޅެއްގެ ފަހަތުގައި ނުގުޑާ ފަދަ އަޒުމެއްގައި އެންމެން ތިބޭން ޖެހޭނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
~
މިދިޔަ ބުރާސްފަތި ދުވަހު ފެށި ޕީޕީއެމްގެ ގައުމީ ޖަލްސާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން މިރޭ ވިދާޅުވީ އަންނަ މާޗް މަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތުގައި ހުރިހާ މެމްބަރުން ސާބިތުކަމާ އެކު މަސައްކަތް ކޮށްގެން ނޫނީ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"ޕާޓީގެ ރިޔާސީ ޓިކެޓް ކޮންމެ ބޭފުޅަކު ހޯއްދެވިޔަސް އެބޭފުޅެއްގެ ފަހަތުގައި ނުގުޑާފަދަ އަޒުމެއްގައި އެންމެން ތިބެންޖެހޭނެ. އަޅުގަނޑުމެން ބާއްވާނީ ވަރަށް ޑިމޮކްރެޓިކް، ވަރަށް މިނިވަން، ވަރަށް އިންސާފުވެރި އިންތިޚާބެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މިފަހަރުގެ ގައުމީ ޖަލްސާއަކީ ވަރަށް ވާދަވެރި އިންތިޚާބު ތަކެއް ފެނިގެންދިޔަ ޖަލްސާއެއް ކަމަށެވެ. ނަމަވެސް އެފަދަ ވާދަވެރި މާހައުލެއްގައި ވެސް ޕާޓީގެ މެމްބަރުން ދެއްކެވީ ވަރަށް ރީތި މިސާލެއް ކަމަށެވެ. އެއްވެސް ހަމަނުޖެހުމެއް ބައިބައިވުމެއް ނުހިނގާ ކަމަށެވެ. އަދި އެހާ ވާދަވެރި ކޮންގްރެސްއެއް ނިމިގެންދާއިރު ޕާޓީ ބައިބައިވެދާނެ ކަމުގެ ބިރު ހީވެގެން އެ މަނިކުފާނާ ޕާޓީގެ މެންބަރުން ސުވާލު ކޮށް ކަންބޮޑުވުން ވެސް ފާޅުކޮށްފައިވާ ކަމަށެވެ.
"މިފަހަރުގެ އިންތިޚާބު ހިނގާދިޔައީ ވަރަށް ވާދަވެރިކޮށް. ވަރަށް އޮމާންކޮށް. ވަރަށް ރީތިކޮށް. ވަރަށް ހަރުދަނާކޮށް. އެއްވެސް ކަހަލަ ބައިބައިވުމެއް ނެތް. މި ޖަލްސާގެ ކުރިން ޕާޓީގެ ވަރަށްގިނަ މެންބަރުން އަޅުގަނޑާ ސުވާލުކުރި ކިހިނެއްހޭ ވާނީ. މިހާ ވާދަވެރިކޮށް ދާނަމަ ޕާޓީ ރޫޅިގެން ނުދާނެހޭ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކޮންގްރެސްއާ ދިމާކޮށް މީޑިއާއާތަކުން ގެނެސްދިން ހަބަރުތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ ޕާޓީގެ މެންބަރުންގެ ހިތުގައި ޕާޓީ ރޫޅިދާނެ ކަމުގެ ބިރު އުފެދިފައިވާ އެ ދަނޑިވަޅުގައި މީޑިއާތަކުން ވެސް އެ ޕާޓީ ރޫޅިގެންދާނެ ކަމަށްބުނެ، ޚަބަރުތައް ފަތުރާފައިވާ ކަމަށެވެ.
"އަޅުގަނޑު ގާތު މެމްބަރުން ވެސް އަހާ ކިހިނެއްހޭ ވާނީ. މިހާ ވާދަވެރިކޮށް ދާއިރު ޕާޓީ ރޫޅިގެން ނުދާނެހޭ. ހަމަ މިރާގުގައި މީޑިއާގެ ހުރިހާ ލިޔުންތަކެއް ވެސް ހުރީ. މީޑިއާގެ ބޭފުޅުން ދެކޭ ފަދަ މި ޕާޓީ ރޫޅިގެން ދިއުމަކީ ދެން ވަރަށް ބޮޑު ޚަބަރަކަށް ވާނެ ދެއްތޯ. ކޮންމެހެން މީޑިއާއިން އެގޮތަށް އެދެޔެކޭ ދަންނަވަނީކީ ނޫން. މިދަންވަނީ ވަރަށް ބޮޑު 'ސެންސޭޝަނަލް' ޚަބަރަކަށް ވެގެން ވަރަށް ގިނަ މީހުން ދައްކާ ވާހަކައަކަށް ވާނެ. މިއޮތް ބޮޑު ޕާޓީ ރޫޅިގެން ހިނގައްޖޭ. ބައިބައިވެގެން ހިނގައްޖޭ މި އިންތިޚާބަށްފަހު،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ