މައުމޫން ރައީސްކަމަށް ކުރިމަތިލައްވަފާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި

30 އަހަރުވަންދެން ރާއްޖޭގެ ވެރިކަންކޮށްފައިވާ ކުރީގެ ރައީސް އަދި މިހާރުގެ ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާވެސް ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމުގެ އިޝާރާތެއް އެމަނިކުފާނު ދެއްވައިފި އެވެ.
އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ ކަންތައް ބަދަލުވަމުން އަންނަ ގޮތަކުން، ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އަދިވެސް ކުރިމަތިލައްވަފާނެ ކަމަށާއި ނަމަވެސް އަލުން ވެރިކަމަށް ވަޑައިގަތުމަކީ އެމަނިކުފާނު އެންމެ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ.
"ކަންތައްތައް ވަރަށް އަވަސް އަވަހަށް ބަދަލުވޭ. އެހެންވީމަ އަޅުގަނޑު މި ހުރީ ކޮންމެ ގޮތެއް އިހްތިޔާރުކުރަން ޖެހުނަސް ތައްޔާރަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އަލުން ރައީސްކަމަށް ކުރިމަތިލެއްވި ނަމަވެސް އެއީ އެ މަނިކުފާނުގެ އިހްތިޔާރުން ބޭރުގައި ކުރައްވާ ކަމަކަށް ނުވާނެ ކަމަށާއި 30 އަހަރު ވަންދެން ވެރިކަންކޮށްފައިވާއިރު ވެރިކަމަށް ވަޑައިގަތުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަލުން ރައީސްކަމަށް ކުރިމަތިލެއްވި ނަމަވެސް އެއީ އެ މަނިކުފާނުގެ އިހްތިޔާރުން ބޭރުގައި ކުރައްވާ ކަމަކަށް ނުވާނެ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި 30 އަހަރުވަންދެން ގައުމަށް ހިދުމަތްތަކެއްކޮށް ދެވިއްޖެ، އަދި އަލުން ވެރިކަމަށް ވަޑައިގަތުމާ މެދު ގޮތެއް ނިންމާނީ ރައްޔިތުން" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޖެނުއަރީގައި އޮންނާނެ ކަމަށާއި ޕާޓީގެ ރިޔާސީ ޕްރައިމެރީގައި ވާދަކޮށްގެން އިންތިހާބުވާ ބޭފުޅެއް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވެގެންދާނެ ކަމަށެވެ.
މިހާރުގެ ރައީސް މުހައްމަދު ވަހީދަކީ ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓަށް ވެދާނެތޯ ސުވާލުކުރުމުން މައުމޫން ވިދާޅުވީ ވަހީދު ޕީޕީއެމްއާ ގުޅިވަޑައިގެން، ޕްރައިމަރީ ކާމިޔާބުކުރައްވައިފި ނަމަ އެމަނިކުފާނަށް ވެސް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ތާއީދުކުރައްވާނީ ޕްރަމެރީ ކާމިޔާބުކުރައްވާ ބޭފުޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ