އާ ސުލޫކީ ކޮމެޓީއެއް މައުމޫން އެކުލަވާލައްވައިފި

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ސުލޫކީ ކޮމެޓީ ސަސްޕެންޑްކޮށް، އާ ސުލޫކީ ކޮމެޓީއެއް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ އެކުލަވާލައްވައިފި އެވެ.
ވަގުތީ ގޮތުން ސުލޫކީ ކޮމެޓީ އެކުލަވާލަން ޖެހުނީ، މައުމޫން ފެކްޝަނުން ބުނި ގޮތުގައި، މިހާރު އޮތް ސުލޫކީ ކޮމެޓީން މިނިވަންކަމާ އެކު މައްސަލަތައް ބަލަމުން ނުދާތީ އެވެ. އެ ކޮމެޓީ ސަސްޕެންޑްކޮށް އާ ކޮމެޓީއެއް އެކުލަވާލުމުގެ ބާރު މައުމޫނަށް ދިނީ، އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވާ ކައުންސިލް ބައްދަލުވުމަކުންނެވެ.
ސުލޫކީ ކޮމެޓީ އަށް ވަގުތީ ގޮތުން އައްޔަންކޮށްފައި ވަނީ އާދަމް ރަޝީދާއި މުހައްމަދު ނިޒާމާއި މަރިޔަމް ސައީދާއި ލުފްޝާން ޝަކީބުގެ އިތުރުން ހާލިސް ނަޖީބެވެ.
ސުލޫކީ ކޮމެޓީގެ ޒިންމާ އަކީ ޕާޓީގެ މެމްބަރުންނާ ގުޅޭ ގޮތުން ހުށަހަޅާ ސުލޫކީ އަދި އަހުލާގީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމެވެ. މިއީ ޕާޓީގެ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުހަލާ އެވެ. މި މަރުހަލާގެ ނިންމުން ގަބޫލުނުކުރާ ނަމަ އިސްތިއުނާފް ކޮމެޓީ އަށް ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ.
ސުލޫކީ ކޮމެޓީގައި ހަތް މެމްބަރުން ތިބެން ޖެހޭ ކަމަށް ގަވާއިދުގައިވެ އެވެ. އެއީ، ޕާޓީގެ ގައުމީ ޖަލްސާ އިން އައްޔަންކުރާ ފަސް މެމްބަރުންނާއި މައްސަލަ ރައްދުވާ މެމްބަރުންގެ ފަރާތުން ފޮނުވާ ޕާޓީގެ ދެ މެމްބަރުންނެވެ. މި ހަތް މެމްބަރުންނަށް ވެސް ވޯޓު ލެވޭނެ އެވެ. ކޮމެޓީ ބައްދަލުވުންތަކުގެ ގާނޫނީ އަދަދަކީ ތިންބައިކުޅަ ދެބައެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމި ގޮތާ މެދު މައުމޫން ފެކްޝަނުން ނުރުހުން ފާޅުކޮށްފައި ވަނިކޮށް، ބާރަށު ދާއިރާގެ މެމްބަރު ސުޖާއު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ވަހީދުގެ މައްސަލަ އެ ކޮމެޓީން އަންނަނީ ބަލަމުންނެވެ.
ޕީޕީއެމް ދެ ފަޅިވެފައިވާ އިރު މި ދެ މެމްބަރުން ތިއްބަވަނީ މައުމޫން ފަޅީގަ އެވެ.
މި ދެ މެމްބަރުންގެ އިތުރުން ވެސް މަޖިލީހުގައި ނެގި ވޯޓުތަކުގައި ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މެމްބަރުންތަކެއް ވެސް އެބަ ތިއްބެވި އެވެ. އެ މެމްބަރުންގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް ހުށަހަޅާފައިވީ ނަމަވެސް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މި މައްސަލަތައް ނުބެލި ލަސްވަނީ ސުލޫކީ ކޮމެޓީގެ ކޯރަމް ހަމަނުވެގެން ކަމަށް އެ ކޮމެޓީގެ މުގައްރިރު އަދި ރައީސް ޔާމީން ފެކްޝަންގެ އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ ޕާޓީ ހިންގުން މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފަ އެވެ. އެ މައްސަލަ އަމިއްލަ ފަރާތަކުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެކަމަކު މި ހުކުމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން މައުމޫންގެ ފަރާތްޕުޅުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ