ސުޕްރީމް ކޯޓުން ބަލަމުން އަންނަ އެޗްއާރުސީއެމް އާއި ގުޅޭ މައްސަލަ ހަވީރު

އދ ގެ އިންސާނީ ހައްްޤުތަކާ ބެހޭ ހައިކޮމިޝަނަށް ފޮނުވުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން އުކުލަވާލި ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ރިޕޯޓަކާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްނެގުމުގެ މަތިން އެ ކޯޓުގައި އެޗްއާރުސީއެމްއާ ދެކޮޅަށް ހިންގަމުން އަންނަ ސުއޯމޮޓޯ މައްސަލައިގެ އަޑުއެހުން މިއަދު ހަވީރަށް ފަސްކޮށްފިއެވެ.
އެ މައްސަލައާއި ގުޅިގެން މިއަދު މެންދުރު 2:00 ގައި ތާވަލްކޮށްފައި އޮތް އަޑު އެހުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 އަށެވެ.
އެޗްއާރުސީއެމްގެ މެންބަރުންނާ ދެކޮޅަށް ސުމޯޓޯ މައްސަލައެއް ސުޕްރީމް ކޯޓުން ހިންގުމަށް ނިންމީ އެޗްއާރްސީއެމް އިން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކޮށްފައިވާތީއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެޗްއާރުސީއެމްއިން އާންުމުކުރި އެ ރިޕޯޓާ ގުޅިގެން، އެކޮމިޝަނާ ދެކޮޅަށް ސުޕްރީމް ކޯޓުން ސުއޯމޮޓޯ މައްސަލައެއް ބެލުމަށް ނިންމީ 2014 ސެޕްޓެމްބަރު 22 ވަނަ ދުވަހުގައެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހަމަ އެމަހުގެ 24 ވަނަ ދުވަހު ބާއްވާފައިވާ އިރު، މައްސަލައިގެ ދެވަނަ އަޑުއެހުމެއް ބާއްވާފައި ވަނީ 2014 ސެޕްޓެމްބަރު 30 ގައެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައި ޖުޑީޝަރީން މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރިކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޖުޑިޝަރީން އެކޮމިޝަނަށް އެއްބާރުލުން ނުދޭ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ނަމަވެސް މި މައްސަލައިގެ އަޑުއެހުމެއްގައި، އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވީ 27 އޯގަސްޓް 2014 ވީ ދުވަހު ސްޕްރީމު ކޯޓުގެ މަޢުލޫމާތެއް ހޯދުމަށް އެޗްއާރުސީއެމް އިން ލިޔުމަކުން އެދިފައިވުމުން އެމަޢުލޫމާތު އެކޮމިޝަނަށް ފޯރުކޮށްދީފައި ވާނޭ ކަމަށެވެ. އެގޮތުން ޖުމްލަ 3 މަޢުލޫމާތެއް އެޗްއާރުސީއެމްއަށް އެރުވި ކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ޝަރީޢަތުގައި، އެޗްއާރުސީއެމްގެ ދިފާޢީ ވަކީލު އަލްއުސްތާޒް މައުމޫން ހަމީދު ވިދާޅުވެފައި ވަނީ، އެ ރިޕޯޓު އެކުލަވާލުމަށްފަހު ޝާއިޢު ކުރުމުގެ ކުރިން، ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށާއި، އަދި ދައުލަތުގެ ބަންޑާރަ ނާއިބަށް ވެސް ރިޕޯޓު ފޮނުވި ކަމަށެވެ. ޑީޖޭއޭއިން ރިޕޯޓަށް އެއްވެސް ކޮމެންޓެއް ދީފައި ނުވާއިރު، ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ރިޕޯޓަށް ބައެއް މަޢުލޫމާތު އިތުރުކުރުމަށް ލަފާ ދީފައި ކަމަށްވެސް އެޗްއާރުސީއެމްގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ