2017 އަދި 2018 ވަނަ އަހަރު ކްލަބް ވޯލްޑްކަޕް ބޭއްވުމުގެ ފުރުސަތު ޔޫއޭއީއަށް

2017 އަދި 2018 ވަނަ އަހަރުގެ، ފީފާ ކްލަބް ވޯލްޑްކަޕް ބޭއްވުމުގެ ފުރުސަތު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ދިނުމަށް ފީފާގެ އެގްޒެކެޓިވް ކޮމެޓީ އިން ނިންމައިފިއެވެ.
މި މުބާރާތަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ފީފާއިން ކްލަބްތަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ދުނިޔޭގެ 6 ބައްރުގެ ޗެމްޕިއަނުންގެ އިތުރުން، މުބާރާތް ބާއްވާ ގައުމުގެ ލީގު ޗެމްޕިއަންކަން ހޯދާ ޓީމަށް ފުރުސަތު ލިބިގެންދާނެއެވެ.
2017 އަދި 2018 ވަނަ އަހަރުގެ ކްލަބް ވޯލްޑްކަޕް ޔޫއޭއީގައި ބާއްވާއިރު، 2009 އަދި 2010 ވަނަ އަހަރުގެ ކްލަބް ވޯލްޑްކަޕް ވެސް ބާއްވާފައިވަނީ ޔޫއޭއީގައިކަން ފާހަގަކޮށްލަންޖެހެއެވެ.
ޔޫއޭއީގައި ކްލަބް ވޯލްޑްކަޕް ބާއްވާއިރު، 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕް ބާއްވާނީ ގަތަރުގައެވެ. ގަތަރުގައި އެ މުބާރާތް ބާއްވާނީ އެހެން އަހަރުތަކާ ހިލާފަށް ފިނި މޫސުމުގައެވެ.
ގަތަރުގައި ބާއްވާ މުބާރާތުގެ ފައިނަލް ކުޅޭ ތާރީހު ފީފާއިން އިއުލާންކޮށްފައިވާއިރު، މުބާރާތް ފަށާނެ ތާރީހެއް އެ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ. އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 18 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ