ގާސިމް އަށް ރައީސްކަމަށް ކުރިމަތިނުލެވޭ އިސްލާހު އަނެއްކާވެސް މަޖިލީހަށް

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައެޅުމަށް، ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މީގެކުރިން ވެސް މިކަހަލަ އިސްލާހެއް ހުށަހެޅުމަށްފަހު، އަނބުރާ ގެންދެވި ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ.
އެމްޑީއޭގެ މެންބަރު މީގެކުރިން ވިދާޅުވެފައިވަނީ އެ އިސްލާހު އަނބުރާ ގެންދިޔައީ ސަރުކާރުގެ އިސް ފަރާތްތަކުން ބިލު އަނބުރާ ގެންދިއުމަށް ލަފާ ދެއްވުމާއި ގުޅިގެން ކަމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމުގެ މަސްލަހަތަށް އޭރު ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޭނާ ހުށަހެޅުއްވި އިސްލާހު ނެގުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި މިހާރު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ.
މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން އުމުރުން 30 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މިދެ  މަގާމަށް ކުރިމަތިލެވޭނެއެވެ. ނަމަވެސް އުމުރުން 65 އަހަރުވެފައިވާނަމަ އެދެމަގާމަށް ކުރިމަތިލުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
މިއިސްލާހް ފާސްވެއްޖެނަމަ މިހާރު ސިޔާސީ ދާއިރާގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރިޔާސީ އިންތިޙާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
2018 ވަނަ އަހަރު އަންނައިރު ރައީސް މައުމޫންއަށް 81 އަހަރުފުޅު ވާއިރު ގާސިމަށް 68 އަހަރުފުޅު ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ