ގާޒީ ބާރީގެ ފޮޓޯ ނެގި މައްސަލާގައި އަޑުބަރޭއަށް ދައުވާ ނުކުރަން ނިންމައިފި

ކްރިމިނަލް ކޯޓް ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯ ނަގައިގެން ހައްޔަރުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ)ގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އައްސަދުގެ މައްސަލާގައި ދައުވާކުރެވޭ ވަރަށް ހެކި ލިބިފައި ނުވާތީ އެމައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ. އަދި އެކަން އައްސަދަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ރޭ ފުލުހުން އަޑުބަރޭ ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު ދެފަހަރަށް އިތުރުކުރުމަށްފަހު ދޫކޮށްލީ މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ފުލުހުން އައްސަދު ހައްޔަރުކުރީ ޖަސްޓިން ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑުގެ ތެރޭގައި ގާޒީ ބާރި ހުންނަވަނިކޮށް ސައިކަލެއްގައި ދިޔަ މީހަކު ބާރީ ގާޒީގެ ފޮޓޯ ނަގައި އޭނާ އަށް އިންޒާރުދީފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
މާޒިޔާގެ މިޑްފީލްޑަށް ކުޅޭ އަޑުބަރޭ ހައްޔަރުކުރީ އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަންބަގާންއާ ދެކޮޅަށް އެ ޓީމު ކުޅުމަށްޓަކައި އިންޑިއާ އަށް ފުރަން ހަމަޖެހިފައި އޮއްވަ އެވެ. އޭނާ ނެތުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް މާޒިޔާ އިން އޭރު ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ