ނޮޅިވަރަމް ދާއިރާގެ މެންބަރު އެމްޑީއޭ އަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އެމްޑީއޭއަށް ސޮއި ކުރައްވައިފި އެވެ.
އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ.
މަޖިލީހަށް އިންތިހާބުވުމަށްފަހު ޖޭޕީން ވަކިވެވަޑައިގެން އޭނާ މީގެ ކުރިން ވެރިކަން ކުރާ ޕީޕީއެމް އަށް ވެސް ސޮއިކުރައްވާފައިވެ އެެވެ. ނަމަވެސް އެޕާޓީން ވަކިވެވަޑައިގެން އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައިވެސް އޭނާ ދުވަސްކޮޅަކު ބައިވެރިވެފައިވެ އެވެ.
ހުސައިން އަރީފް އެމްޑީއޭއަށް ސޮއިކުރެއްވުމުން އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އިތުރުވެފަ އެވެ. އަދި ވެރިކަން ކުރާ ކޯލިޝަނަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އަދަދު މިހާރު ވަނީ 50 އަށް އިތުރުވެފަ އެވެ.
ހުސައިން އަރީފް އެމްޑީއޭއަށް ސޮއިކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އިއްޔެއާއި މެދު ނުވިސްނުމަށް އެދޭ ކަމަށާއި ވިސްނަންވީ މިއަދާއި ދޭތެރޭގައި ކަަމަށެވެ. އަދި ވިދާޅުވީ ރައީސް އަބްދުﷲ ޔާމިނާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެކު ރާއްޖެއަށް ކުރިއަށް ދެވިދާނެ ކަމަށެވެ. އަދި އޭނާ ތަމްސީލް ކުރައްވާ ނޮޅިވަރަމު ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުގައި ރަނގަޅު މަޝްރޫއުތަކެއް ހިމަނާފައިވާ ކަމަށް ވިދާޅުވެ އަރީފް ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ