ސަރުކާރާއިއެކު މަޝްވަރާކުރަން ތައްޔާރު: ގާސިމް

އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާކުރުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލެއްވުމާއި ގުޅިގެން ސަރުކާރާއެކު މަޝްވަރާކުރަން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓްތަކެއްގަ އެވެ.
މީގެ އިތުރުން ގާސިމް ވަނީ އިދިކޮޅު ފަރާތްތަކަށް މަޝްވަރާކުރަން ގޮވާލެއްވީތީ މަރުހަބާވެސް ވިދާޅުވެފައި އެވެ.
"ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާ އަށް މަޝްވަރާކުރަން ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވީތީވެ މަރުހަބާ ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.
މޭޑޭގައި ކުރި މުޒާހަރާއާ ގުޅިގެން ގާސިމް ހައްޔަރުކުރުމަށް ކޯޓުން އަމުރެއް ނެރެފައިވާ ކަމަށް ދައްކާ ވާހަކަތަކާއި ގުޅިގެން ގާސިމް ވިދާޅުވީ މުޒާހަރާ އަށް އެމަނިކުފާނު ފަންޑުކުރި ކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި މީގެ އިތުރުން ވިދާޅުވީ އެމަނިކުފާނު މިވަގުތު ހުންނެވީ ތައިލެންޑުގައި އާގު ބޯޓެއް މަރާމާތުކުރަން ޖެހިގެން ކަމަށެވެ.
"އަޅުގަނޑު ހައްޔަރުކުރަން ކޯޓު އަމުރު ނެރުނު ކަމަށް ބުނަނީ އެކެއް މޭ ގެ ރެލީ އަށް ހަރަދުކުރި ކަމަށް ބުނެ. ކުރިން ވެސް ބުނި ފަދައިން ހަރަދެއް ނުކުރަން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ