ގައުމީ ދުވަހުގެ ތަހްނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާ ފޮނުވި ހާއްސަ ހިޠާބުގައި, ގައުމުގެ ކަންކަން މިހުރީ އެންމެ އެދެވޭ ގޮތަށް ނޫންކަން ގައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނެ ކަން ކަށަވަރު ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ ހިޠާބުގައި ވިދާޅުވީ މިވަގުތު ގައުމު މިދާ މިސްރާބާ މެދު ގައުމުގެ ރައްޔިތުން ތިބީ އެއްގޮތަކަށްވެސް ހިތްހަމަޖެހިފައި ނޫން ކަމަށާއި އެހެންކަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ މިވަގުތު އެންމެންގެ މައްޗަށް ލާޒިމު ވެފައިވާ ކަމެށެވެ.
ރާއްޖެގައި މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކޮށް، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ދަމަހައްޓައި، ދިވެހިރާއްޖޭގެ ގުދްރަތީ މުއްސަނދިކަން ހިފަހައްޓައި، ރާއްޖޭގައި ހަރުދަނާާ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކޮށް، ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ހަރުދަނާކޮށް، އަދުލު އިންސާފު ކަށަވަރު ކުރުމަކީ، އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެއް ކަމުގައިވެސް ރައިސް މައުމޫން ގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ. އެހެންކަމުން ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި، ރާއްޖެގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން ގައުމުގެ މިހާރާއި މުސްތަގްބަލަށް ޓަަކައި އިތުރު އަޒުމަކާއެކު މަސައްކަތް ކުރުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ރައިސް މައުމޫންގެ ހިޠާބުގައި ވިދާޅުވީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ސަލާމަތްވީ މުހައްމަދު ތަކުރުފަނާއި، ހަސަން ތަކުރުފާނާއި، އަލީ ތަކުރުފާނު ދެހާޖީންނާއި ދަންޑަހެލާއެކު "ކަޅުއޮފުންމި" ކިޔާ އަނގަމަތީ މަސް ދޯންޔެއްގައި ކުރެއްވި ހިތްވަރުގަދަ ޖިހާދުގެ ސަބަބުން ކަމަށެވެ.
ބޮޑުތަކުރުފާނުގެ މަތިވެރި ގައުމީ ޖިހާދާއި މެދު ދިވެއްސަކަށް ވީތީ ފަހުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް އެ މަނިކުފާނު ފަދައިން ގައުމަށްޓަކައި، ގައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ތިބި ބަޔަކަށް ވާން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ގައުމުގެ ކަންކަން މިއަދު ހުރީ ރަނގަޅަކަށް ނޫން - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ