ޑީޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ޤާނޫނުއަސާސީ އާއި ޚިލާފު: މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި އެ ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނުއަސާސީ އާއި ކަނޑައެޅިގެން ޚިލާފު އަމުރެއް ކަމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް އެއްވެސް އަމަލެއް ނުހިންގުމަށް ރައްޔިތުންގެ މަޖިލިހުން ސުޕްރީމްކޯޓަށް އިލްތިމާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އެގޮތަށް ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް އެއްވެސް އަމަލެއް ނުހިންގުމަށް ސުޕްރީމް ކޯޓަށް އިލްތިމާސްކުރެއްވުަމށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ހުށަހެޅުން މަޖިލީހުން ފާސްކުރުމަށްފަހުގައެވެ. ހަސަން ލަތީފުގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ.
ހަސަން ލަތީފްގެ އިސްލާހުގައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 88 ވަނަ މާއްދާގެ ށ ގެ ދަށުން ލިބިދީފައިވާ ބާރަށް ރިޢާޔަތްކުރާއިރު 17 ޖޫން 2019 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނުއަސާސީ އާއި ކަނޑައެޅިގެން ޚިލާފު އަމުރެއް ކަމަށްވީހިނދު، ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީން މުތުލަގަށް މަތިކޮށްފައިވާ ބާރަށާއި މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅޭގޮތަށް ޤާނޫނުއަސާސީ އާއި ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށް ސްޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށެވެ.
ހަސަން ލަތީފުގެ އެ ހުށަހެޅުއްވުމުގައި އިޝާރާތްކުރައްވާފައި ވަނީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ޑީޑީގެ މައްސަލާގައި އަމުރާ ހިލާފު ހުރިހާ ކަމެއް ބާތިވާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރަށެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ ކަނޑައެޅިގެން ޤާނޫނުއަސާސީ އާއި ކަނޑައެޅިގެން ޚިލާފު އަމުރެއް ކަމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ. ނުފެންނަ ކަމަށް އެއްވެސް ބޭފުޅަކު ވޯޓުދެއްވާފައި ނުވާއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ 3 މެންބަރުން ތިއްބެވިއެވެ.
މީގެ އިތުރަށް މިއަދުގެ ޖަލްސާގައި ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ދެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓްވެސް ފާސްކޮށްފައެވެ. އެ ރިޕޯޓް ފާސްކުރުމަށް މަޖިލީހުގެ 64 މެންބަރުން ވޯޓުދެއްވި އިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ 6 މެންބަރުން ތިއްބެވި އެވެ.
ޖޭއެސްސީގެ މެންބަރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވެ ދެއްވި މައުލޫމާތުގެ މައްޗަށް ބިނާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ވަނީ، އަމިއްލައަށް އިސްނަގައިގެން ސުޕްރީމް ކޯޓުން ބަލަމުންދާ ސުމޯޓޯ މައްސަލަތައް ނުބެލޭގޮތަށް އެކަން ހުއްޓުވުމަށް ހުށަހަޅުއްވާފައެވެ. އެ ރިޕޯޓް މަޖިލީހަށް އިއްވަވަމުން އެ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށާއި، ފަނޑިޔާރުންގެ ފެންވަރު ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރުވާ ކަމާއި، ޖޭއެސްސީގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަސްތަކެއް ކުރިމަތިވެފައި ވާކަން ޖޭއެސްސީގެ މެންބަރުން ފާހަގަކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރަށް ޖޭއެސްސީގެ ޤާނޫނުން ކުރުމަށް ލާޒިމުކުރާ ބައެއް ކަންކަން އެކޮމިޝަނުން ކުރުމަށް ދަތިކަން ހުރިކަން އެކޮމިޝަންގެ މެންބަރުންގެ ވާހަކަތަކުން އެނގިގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލައިގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމާއި މެދު ސުވާލު އުފެއްދުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ކަނޑައެޅުމަށް ޖުޑިޝަރީ ކޮމިޓީގައި ރިޕޯޓުގައި އެދިފައިވެއެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ޖޭއެސްސީ އަކީ މިނިވަން ކޮމިޝަނެއް ކަމަށާއި، އެ ކޮމިޝަނުން މަސައްކަތް ކުރަންވާނީ މަޖިލީހުން އެ ކޮމިޝަނަށްދޭ ބާރާއި އިޚްތިޔާރުގެ ދަށުން ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއިން ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުކުގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ޤާނުނޫއަސާސީން އެ ކޮމިޝަނަށް ލިބިދީފައިވާ މިނިވަންކަން އޭގެ ފުރިހަމަ ގޮތުގައި ހިފުމަށް މަގުފަހިކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށްވެސް އެ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ