މިލަދޫ ސްކޫލް ތިޖޫރީން ވަގަށް ނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ބައެއް ފައިސާ ހޯދައިފި

ލައްކައަކަށް ވުރެ ގިނަ ރުފިޔާއާއެކު ވަގަށް ނަގާފައިވާ ނ. މިލަދޫ ސްކޫލްގެ ތިޖޫރީގައި ހުރި ބައެއް ފައިސާ، ފުލުހުން އެރަށު ގެއަކުން ހޯދައިފިއެވެ.
ތިޖޫރީގައިވާ ފައިސާގެ އިތުރުން ފުލުހުން ވަނީ އެރަށު ގެއަކުން 19،000 ރުފިޔާ ނެގި މައްސަލައިގައި ގެއްލުނު ފައިސާގެ ތެރެއިން ބައެއްވެސް އެގޭގެ ތެރޭން ހޯދާފައެވެ. ފުލުހުން ބުނެފައި ވަނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުން މިލަދޫ ގެއެއް ބަލާ ފާސްކުރި އިރު، އެގޭގެ ކޮޓަރީގެ ތެރެއިން ފެނުނު ދަބަހެއްގައި 94،705 ރުފިޔާ ފޮރުވާފައި ހުއްޓާ ފެނުނު ކަމަށެވެ.
އޭގެ އިތުރުން އެގޭގެ އެހެން ކޮޓަރިއެއްގެ ފޮރުވާފައި އޮތް ވޮލެޓެއްގެ ތެރެއިން 1315 ރުފިޔާ ފެނިފައިވާ ކަމަށާއި، އެ ފައިސާތަކުގެ ތެރޭގައި މިލަދޫ ސްކޫލްގެ ތިޖޫރީއިން ވަގަށް ނަގާފައިވާ ފައިސާ ކަމަށް ބެލެވޭ ފައިސާވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ނ. މިލަދޫ ސްކޫލްގެ ތިޖޫރީއިން ލައްކައަކަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އިއްޔެއެވެ. އެ ދެމައްސަލައިގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ