ވަކި ގޮތަކަށް ވޯޓު ދޭން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެއްވެސް ސިޔާސީ ޕާޓީއަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ތިމަރަފުށި ދާއިރާ އަށް ވާދަކުރައްވާ އަބްދުﷲ ރިޔާޒުގެ ކެމްޕެއިން އިވެންޓެއްގައި ރޭ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލިސް މެމްބަރުން ކަންތައް ކުރަންވީ ގޮތް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ގާނޫނު އަސާސީގެ ރޫހަށް ބަލާއިރު ވަކި ގޮތަކަށް ވޯޓުދޭން މެމްބަރުންނަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
"އެއީ ކުރެވޭނެ ކަމެއް ނޫން. ވަކި ގޮތަކަށް މަޖިލިސް މެމްބަރަކު ވޯޓު ދޭކަށެއް އެއްވެސް ހާލެއްގައި ޕާޓީއެއްގެ ފަރާތުން މަޖުބޫރު ނުކުރެވޭނެ. އެއީ ގާނޫނު އަސާސީ ހުއްދަ ކުރާކަމެއް ނޫން" މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ މިދިޔަ ދައުރުގައި ބައެއް ބިލުތަކަށް ވޯޓު ދެއްވަން ޖުމްހޫރީ ޕާޓީގެ މެމްބަރުންނަށް އޭނާ އެންގެވެމުން ވެސް ބައެއް މެމްބަރުން އެކަމާ ދެކޮޅު ހެއްދެވި ކަމަށާއި ނަމަވެސް އެކަން މައްސަލައަކަށް ނުހައްދަވާ ކަމަށެވެ. އަދި އޭނާ އަކީ މަޖިލިސް މެމްބަރުން ނިންމާ ނިންމުމަކަށް ނުފޫޒު ފޯރުވާނެ މީހެއް ނޫން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު ކޯރަމް ހަމަނުވެގެން ސަރުކާރުން ހުށަހަޅާފައިވާ ބައެއް ބިލުތަކަށް ވޯޓަށް އެހޭގޮތް ނުވެފައިވާއިރު ޖުމްހޫރީ ޕާޓީގެ މެމްބަރުން ގަސްދުގައި ކޯރަމް ހަމަކުރުމަށް ދެކޮޅު ހަދާކަމުގެ ތުހުމަތު އެމްޑީޕީން އަންނަނީ ކުރަމުންނެވެ.
މަޖިލީހުގެ ކޯރަމް ހަމަވާނީ 43 މެމްބަރުން ހަމަވުމުން ކަމަށްވާއިރު، ކޯރަމް ހަމަކުރުމަށް ދެކޮޅު ހަދާ ޖޭޕީގެ މެމްބަރުންނާ މެދު ފިޔަވަޅު ނާޅާތީ ގާސިމް އަށް ވެސް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ވަކި ގޮތަކަށް ވޯޓުދޭން މެމްބަރުންނަށް މަޖުބޫރު ނުކުރެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ