މަކުނުދޫ ދާއިރާއަށް ދިމާވެފައިވާ ނިކަމެތިކަމާއި މާޔޫސްކަން ފިލުވާލަދެވޭނީ ޔަޝްފާއަށް ކަމުގައި ރައްޔިތުންގެ މަޖިލިސްގެ މަކުނުދޫ ދާއިރާއަށް ވާދަކުރައްވާ ޔަޝްފާ ޢަބްދުލްޣަނީ ވިދާޅުވެއްޖެއެވެ. ރޭ 9:00 ގައި މަކުނުދޫ ސްޓޭޖް ސަރަހައްދުގައި ބޭއްވި "އެންމެން އެކުގައި" ޔަޝްފާގެ ކެމްޕޭން ބޮޑުޖަލްސާ ގައި ވާހަކަދައްކަވަމުން ޔަޝްފާ އިތުރަށް ވިދާޅުވީ މިހާރު ދާއިރާގެ ރަށްތައް ދުވަހުން ދުވަހަށްދަނީ ފަޅުވަމުންކަމާއި ދާއިރާގެ ވަޒީފާގެ ފުރުޞަތު އެއްގޮތަކަށްވެސް ނެތްކަމުގައެވެ.
"މިކަންކަން ހައްލު ކުރުމަށް ދާއިރާގައި ވަޒީފާގެ ފުރުޞަތު އުފެއްދުން ވަރަށް މުހިއްމު. މިގޮތުން އެންމެ މުހިއްމު އެއްކަމަކީ މިދާއިރާއަށް ލޯކަލް ޓުއަރިޒަމް ގެނެސްދިނުން. މިކަން ކުރެވޭނޭ އަޅުގަނޑަށް. މިކަން ކުރުމުގެ ހުނަރާ ގާބިލްކަން އަޅުގަނޑުގެ އެބަހުރި. އަޅުގަނޑު މަތީ ތައުލީމް ޙާޞިލްކުރީވެސް މިދާއިރާއިން." ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިޖަލްސާގައި ޔަޝްފާ ވިދާޅުވިއެވެ.
ޔަޝްފާ ވިދާޅުވީ، ދާއިރާގެ ޒުވާނުންނާ ގުޅިގެން ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ހޯއްދަވައި ދެއްވާނެކަމާއި އަދި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވާނެކަމުގައެވެ. މިކަން ކުރެއްވޭނީ އެންމެން ނުކުމެ އޭނާއަށް ފުރުޞަތުދެއްވައިގެން ކަމުގައެވެ. ރޭގެ ބޮޑު ޖަލްސާގައި ރަށުގެ އެކިއެކި ބޭފުޅުންގެ އިތުރަށް ދާއިރާގެ އިސްބޭފުޅުން ވާހަކަ ދެއްކެވިއެވެ. އެބޭފުޅުންވެސް މައިގަނޑު ގޮތެއްގައި ވާހަކަދެއްކެވީ ދާއިރާއަށް ކުރިއެރުން ގެނެވޭނެ ގޮތަކާމެދުގައެވެ. ދާއިރާއަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އެކަންކަން ކުރެއްވޭނެ ހަމައެކަނި ބޭފުޅަކީ ޔަޝްފާކަމާއި ޔަޝްފާ ހޮއްވަވައި ދެއްވުމަށް އެދިވަޑައިގަތެވެ.
ކުމުންދޫއާއި ނެކުރެންދޫގައި ދެ ދުވަހުގެ ހަރަކާތްތަކެއް ހިންގެވުމަށްފަހު ޔަޝްފާ މަކުނުދޫއަށް ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. މަކުނުދޫއިން ޔަޝްފާއަށްކީ ވަރަށްވެސް ހޫނު މަރުހަބާ އެކެވެ. އޭނާއަށް މަރުހަބާ ކިޔުމަށްޓަކައި ގިނަ އަދަދެއްގެ ރައްޔިތުން އަތިރި މައްޗަށް ނުކުމެ ތިއްބެވެ.
ޔަޝްފާގެ ކެންޕޭން ނިންމާލުމުގެ އެންމެ ފަހު ހަރަކާތް މާދަމާ މަކުނުދޫ އޮންނާނެ ކަމަށް މަޢުލޫމު ލިބިފައިވެއެވެ.
މަކުނުދޫ ދާއިރާގެ ނިކަމެތިކަމާއި މާޔޫސްކަން ފިލުވާލަދެވޭނީ އަޅުގަނޑަށް - ޔަޝްފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ