ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނުތާ މިހާރު ފަނަރަ އަހަރު ވެފައިވާ ކަމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ދާއިރާ އަށް ވާދަކުރައްވާ، އަޙުމަދު މުޙައްމަދު (ފަޒާ އަޙުމަދު) ވިދާޅުވެއްޖެ އެވެ.
އަޙުމަދު މިހެން ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އަޙުމަދު ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާ އަކީ މަޖިލީސް ތެރޭގައި ތަމްޞީލުވާ ދާއިރާއެއް ނޫން ކަމަށާއި، ދާއިރާގެ އަޑު ކަނޑުވާލާފައިވާތާ މިހާރު ފަނަރަ އަހަރުވެފައިވާ ކަމަށެވެ.
"ހަޤީޤަތަކީ މި ދާއިރާގެ ގޮނޑި ގެއްލިފައި އިންނަތާ ފަހަރަ އަހަރު ވެފައިވާކަން. އިތުރަށް އެ ގޮނޑި ގެއްލޭކަށް ނުޖެހޭ. ގޮނޑި ވަނީ ގެއްލިފަ. އެ ގޮނޑި ތަމްސީލެއް ނުވޭ. މި ދާއިރާގެ ރައްޔިތުން ތަމްސީލެއް ނުވޭ. މި ދާއިރާގެ ރައްޔިތުންގެ ބަސް މަޖިލީހުގައި ނީވޭ." އަޙުމަދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އަޙުމަދު ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާ އަކީ މުޅި އައްޑޫގައިވެސް އޮތް އެންމެ ނިކަމެތި ދާއިރާ ކަމަށާއި، ނަމަވެސް އައްޑޫގެ މޭޔަރާއި، އެމް.ޑީ.ޕީގެ ފީޖީ ލީޑަރ އެ ދާއިރާއަށް ނިޞްބަތްވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި މި ޝަރަފާއި އެކުވެސް އެއްވެސް ކުރިއެރުމެއް އެ ދާއިރާއަށް ލިބިފައިނުވާކަމަށްވެސް އަޙުމަދު ވިދާޅުވިއެވެ.
"މި ދާއިރާގެ ރައްޔިތުން ބޭނުންވޭ މި ދާއިރާގެ ރައްޔިތުންގެ ޝުޢޫރުތައް ފާޅުވާން. މި ދާއިރާ އޮތީ ބިކަ ޙާލުގަ. މުޅި އައްޑޫ އަތޮޅުގައިވެސް އޮތް އެންމެ ނިކަމެތި އެންމެ ބިކަ ހާލު ޖެހިފައި އޮތް ދާއިރާ އަކީ މި ދާއިރާ. މި ދާއިރާ އަށް ލިބިފައިވާ އެންމެ ބޮޑު ޝަރަފަކީ މި ދާއިރާ އަށް އައްޑޫއަތޮޅު މޭޔަރު ނިޞްބަތްވާކަން. ދެން މި ދާއިރާ އަށް ލިބޭ ޝަރަފަކީ އެމް.ޑީ.ޕީ ގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް، މި ދާއިރާ އަށް ނިޞްބަތްވާކަން. މި ނޫން ޝަރަފެއް މި ދާއިރާއަކަށް ނެތް. މި ޝަރަފާއި އެކުވެސް ވީ އެއްވެސް ކަމެއް ނެތް." އަޙުމަދު ވިދާޅުވިއެވެ.
ކުރިއަށް އޮތް އިންތިޚާބުގައި، އަމިއްލަ ގޮތުން ވާދަކުރައްވާ، ފަޒާ އަޙުމަދުގެ އިތުރުން، އިތުރު ހަތަރު ބޭފުޅުން އެ ދާއިރާ އަށް ވާދަކުރައްވައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނުތާ 15 އަހަރު ވެއްޖެ - ފަޒާ އަޙުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ