އަނެއްކާވެސް އައްޑޫން ކަރަންޓް ކަނޑަން ފަށައިފި

ރަމަޟާން މަހު ރާއްޖޭގެ އެއްވެސް ރަށަކުން ކަރަންޓް ނުކެޑޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ޔަގީންކަން ދީފައި ވަނިކޮށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑަން ފަށައިފިއެވެ.
މިއަދު މެންދުރުން ފެށިގެން އެކި ސަރަހައްދު ތަކުން ކަރަންޓް ކަނޑަމުންދަނީ ޖަނަރޭޓަރެއްގެ ޓާބޯއަށް މައްސަލަ ދިމާވެގެން ކަމަށް ހަބަރު ލިބެއެވެ.
އަދި ގަޑިއަކުން ގަޑިއަކުން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާނެ ކަމަށް ފެނަކައިގެ އޮފިޝަލަކު ބުންޏެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް މީގެ ދެއަހަރު ކުރިން 2 މެގަވޮޓް އިންޖީނެއް އައްޑޫއަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އޭގެ ފަހުން 2 ރޯދަމަސް ނިމި ދިޔަ އިރުވެސް ކަރަންޓް ކެޑުމުގެ މައްސަލަ ހައްލު ކުރެވިފައި ނުވެއެވެ. އަދި އެޖަނަރޭޓަރު އައްޑޫއަށް ގެނެވިފައި ވެސް ނުވެއެވެ.
އިންޖީނުގޭގެ އޮފިޝަލަކު ބުނީ އޭއެފްސީ ޗެލެންޖް ކަޕަށް ގެނައި 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު އިންސްޓޯލްކޮށް، އެއަށް ބޭނުންވާ ޕެނަލް ބޯޑެއް ނެތިގެން އެ އިންޖީނުގެ ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އެ އިންޖީނު އެތަނުގައި ބެހެއްޓުމަކުން ވީ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ،
އައްޑޫ ރައްޔިތުންގެ އަތުން ކަރަންޓަށް ނަގާ ފައިސާ މާލޭގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އެކައުންޓަކަށް ޖަމާކޮށްގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އިންޖީނުގެ ބަލަހައްޓަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ނުދޭކަން ފާހަނގަ ކުރެވެއެވެ.
ސިޔާސީ މަގާމުތައް އުފައްދައިގެން ރައްޔިތުންގެ ފައިސާ އިސްރަފް ކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން އެންގުމެއް ނެތި ކަރަންޓް ކަނޑާލުމާއި ގުޅިގެން އާއްމު ރައްޔިތުންގެ އަނގުބޮޑު ތަކެތި ދަނީ ހަލާކުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ