ދިޓީވީއިން މިއަދު މެންދުރުފަހު 14:30 ގައި ޕީޕީއެމް ޕްރައިމަރީ އާއި ގުޅިގެން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ރިކޯޑު ކުރެވިފައިވާ މެސެޖެއް ގެނެސްދިނުމަށް ހަމަޖެހިފައިވަނިކޮށް އެގަޑީގައި ގެނެސްދިން މެސެޖަކީ ރައީސް މައުމޫން ޕްރައިމަރީ އާއި ގުޅިގެން ދައްކަވާފައިވާ ވާހަކަތަކެއް ނޫން ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ޕީޕީއެމްއިން ނެރުނު ކުރު ނޫސް ބަޔާނެއްގައި ވަނީ މިއަދު މެންދުރު 2:30 ގައި ދިޓީވީން ގެނެސްދިނީ ޕާޓީގެ ޕްރައިމަރީ އާއި ގުޅިގެން ރައީސް މައުމޫން ރިކޯޑުކުރައްވާފައިވާ މެސެޖެއް ނޫން ކަމަށާއި އެއީ ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް މައުމޫން ދައްކަވާފައިވާ ވާހަކަފުޅެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު މެންދުރު 2:30 ގައި ރައީސް މައުމޫނުގެ ރިކޯޑު ކުރެވިފައިވާ މެސެޖެއް ދިޓީވީން ގެނެސްދިނުމަށް ހަމަޖެހިފައިވަނިކޮށް އެ ޓީވީ ސްޓޭޝަނުން އެގަޑީގައި ވަނީ އުމަރު ނަސީރަށް ތައުރީފްކޮށް ރައީސް މައުމޫން ޕީޕީއެމް ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެއްގެ ރިކޯޑިންގ ދައްކާފައެވެ.
ޕީޕީއެމްއިން ބުނީ އެގަޑީގައި ރައީސް މައުމޫންގެ ރިކޯޑު ކުރެވިފައިވާ މެސެޖް ނުފޮނުވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި މިރޭ 10:30 ގައި އެ މެސެޖްގެ ރިކޯޑިންގ ދިޓީވީއިން ފޮނުވާނެ ކަމަށެވެ.
ދިޓީވީން ދެއްކި ރައީސް މައުމޫންގެ ވީޑިއޯގައި އެމަނިކުފާނު އުމަރު ނަސީރަށް ތައުރީފްކުރައްވާ ވާހަކަފުޅުދައްކަވާފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެއީ ޕީޕީއެމް ކޮންގްރެސްއަށްފަހު ބޭއްވި ޖަލްސާގައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅެކެވެ. އެރޭގެ ޖަލްސާގައި ރައީސް މައުމޫން ޔާމީނަށް ވެސް ތާއީދުކުރައްވާ ވާހަކަފުޅުދައްކަވާފައިވެ އެވެ.
ދިޓީވީން އެ ގަޑީގައި ފޮނުވި ވީޑިއޯއާއިއެކު ޕާޓީގެ ގިނަ މެންބަރުންނަށް އޮޅުން އެރި ކަމަށް ޕީޕީއެމްއިން ބުނެފައިވެ އެވެ.
ސޯޝަލް މީޑިއާގައި ވެސް އެ ހަބަރު ފެތުރި އުމަރު ނަސީރު ޓީމުގެ ބައެއް ބޭފުޅުން ރައީސް މައުމޫން އުމަރު އެންޑޯސްކުރައްވައިފި ކަމަށް ބުނަމުން ގެންދިއުމާއި ގުޅިގެން ރައީސް މައުމޫން ވެސް އެކަމާއި ގުޅިގެން ޓުވީޓެއް ކުރައްވާފައިވެ އެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިޓީވީއިން ފޮނުވި ވީޑިއޯއަކީ ޕީޕީއެމް ޕްރައިމަރީ އިއުލާންކުރުމުގެ ކުރިން ރައީސް މައުމޫން ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. އަދި އެއީ އުމަރު ނަސީރު އެންޑޯސްކުރެއްވުމެއް ނޫން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.
ދިޓީވީން ގެނެސްދިނީ ޕްރައިމަރީއާ ގުޅިގެން މައުމޫން ދެއްކި ވާހަކަތަކެއް ނޫން – ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ