އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކޮށްގެން ނުނެގޭނެ - ސުޕްރީމް ކޯޓު

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރިންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރުމަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަކީ ގާނޫނުއަސާސީއާ ޚިލާފް، ބާތިލް އިސްލާހުތަކެއް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.
މިގޮތަށް ހުކުމްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު މުއުތަސިމް އަދުނާންގެ އެވެ.
ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ފާސްކުރި ހުކުމުގައި ބުނެފައިވަނީ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރުމަކީ، ގާނޫނު އަސާސީގައި، ޕާލަމެންޓްރީ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ ފާޅުކަން ބޮޑު ގޮތެއްގައި ކަމަށް ބުނާ 88 ވަނަ މާއްދާއާ ޚިލާފް ކަމެއް ކަމަށާއި އެއީ މި ޒަމާނުގެ ޕާލަމެންޓްރީ އުސޫލުތަކާއި ދިމިގްރާތީ އުސޫލުތަކާ ވެސް ޚިލާފް ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަކި ޚާއްސަ ހާލަތެއްގައި ނޫނީ ސިއްރު ނުކުރެވޭނެ ކަމަށް ގަނޫނު އަސާސީގައި ބުނެފައިވަނިކޮށް ގާނޫނު އަސާސީއާ ޚިލާފަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ނުގެނެވޭނެ ކަމަށް ވެސް ސުޕްރިމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު މުއުތަސިމް އަދުނާންގެ ރައުޔަކީ ވޯޓް ސިއްރުކުރުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ކޯޓުގެ ހުކުމާއެކު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް ނަގާ ވޯޓުތައް ސިއްރުކޮށްގެން ކުރިއަށް ނުގެންދެވޭނެއެވެ. އަދި މަޖިލީހުން ފާސްކުރި ނިންމުމަކީ ބާތިލް ނިންމުމަކަށް މިހާރުވެފައިވާއިރު އިތުބާރު ނެތް ކަމުގެ މައްސަލަތައް ނެގޭނީ ކުރިން ވެސް ނަގާ ގޮތަށް މަޖިލީހުގެ ތަޅުމުގައި އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ގދ. ފިޔޯރީ އައިސާދަރުގޭ އަހުމަދު ސިއްދީގާއި މާލޭ ދަފްތަރު އިބްރާހިމް ހުސައިން އެވެ. އެ ދެ މީހުންގެ ފަރާތުން ކޯޓުގައި ވަކާލާތުކުރެއްވީ ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
ސިއްރު ވޯޓު ނުނެގޭނެ ކަމަށް ކޯޓުން ހުކުމްކޮށްފައިވާ އިރު ރައީސް މުހައްމަދު ވަހީދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު މުހައްމަދު ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެމްޑީޕީންވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އަދި ބައެއް ބޭފުޅުންނަށް ނޯޓިސް ވެސް ވަނީ ފޮނުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ