ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
މޯޑު ޕީޕީއެމަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ނަސަންދުރާ ޕެލެސް ހޮޓަލުގައި އެވެ. މޯޑުގެ އިތުރުން ރާއްޖޭގެ މަޝްހޫރު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު ވެސް މިއަދުގެ ރަސްމިއްޔާތުގައި ޕީޕީއެމަށް ވަނީ ސޮއިކޮށްފައެވެ.
މޯޑު ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ފޯމް ހަވާލުކުރެއްވީ ޕީޕީއެމްގެ ނައިބު ދެ ލީޑަރުން ކަމުގައިވާ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބަށާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމަށާއި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށެވެ.
މޯޑު ޕީޕީއެމަށް ސޮއިކުރައްވަން ނިންމަވާފައިވަނީ އެމްޑީޕީގެ ތްރީލައިން ވިޕާ ހިލާފަށް މިއަދު ވަޒީރުންގެ މަޖިލިސް މެންބަރުންނަށް ރުހުން ދިނުމަށް ވޯޓުދެއްވާފައިވާ ދަނޑިވަޅެއްގައި އެވެ.
މޯޑް ވަނީ އެމްޑީޕީގެ ޕްރައިމަރީޣައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވަން ކުރިން ފޯމް ވެސް ލާފައެވެ.
މޯޑު ޕީޕީއެމަށް ސޮއިކުރައްވާފައިވާއިރު އޭނާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. ނަމަވެސް އެ ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ.
މޯޑުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:30 އާ ދެމެދުގެ ވަގުތެއްގައި އައްޑޫ ސިޓީގެ ގަމަށް ދާން އޮންނަ ކޯޒްވޭގައި އޭނާ ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
އަދި އެގޮތަށް އިންޒާރުދިނުމަށް ފަހު ގަން ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށާއި ފުލުހުންނަށް ހަމަލާ ދިނުމަށާއި ގަން ޕޮލިސް ސްޓޭޝަނަށް ހަމަލާ ދިނުމަށް ގޮވާލާފައި ވާކަމަށެވެ. އަދި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރެ އެތަންތަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.
އޭނާގެ މައްޗަށް ދައުވާކުރަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.
ދިވެހި ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ)ގައި ބުނެފައި ވަނީ، ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ކަމެއް ކުރުން ނުވަތަ ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުންދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމުން ވިޔަސް ދިނުމަކީ ޓެރަޒިރަމްގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
މޯޑުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާގެ ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުޞަތު ޖިނާޢީ ކޯޓުން އޭނާއަށް އެންމެ ފަހުން ދީފައިވާއިރު ދެން އޮންނަ އަޑުއެހުމެއްގައި ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުން އޮންނާނެ އެވެ.
ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެންބަރު ޕީޕީއެމަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ