މީހުން އަތުން ފައިސާ ނަގައިގެން ޖަމާއަތުގެ ވެރިޔާ ފިލައިފި

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދީފައި ނުވާ ޖަމާޢަތަކުން މީހުންގެ އަތުން ފައިސާ ނަގައި އެފައިސާ އަނބުރާ ދީފައި ނުވާ މައްސަލަ ޚިޔާނާތުގެ މައްސަލައެއްގެ ގޮތުގައި އެކިފަރާތްތަކުން ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރ ހަސަން ހަނީފް ވިދާޅުވީ، މަލީޝާ ހައްޖު އެންޑް އުމުރާ ސަރވިސަސްގެ ހަވާލުގައި ހައްޖަށްދާން ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ދީފައިނުވާތީ ޚިޔާނާތުގެ މައްސަލައެއްގެ ގޮތުގައި އެމައްސަލަ މިހާތަނަށް 52 މީހަކު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އެހެންކަމުން ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބަލަމުންދާކަމަށާއި އެޖަމާޢަތުގެ އިސްފަރާތް މިވަގުތުވަނީ ރާއްޖޭން ބޭރުގައި ކަމަށްވާތީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދާކަމުގައިވެސް ހަނީފު ވިދާޅުވިއެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި އެޖަމާޢަތުގެ އިސްވެރިއެއްގެ ގޮތުގައި ހުރީ އަތަމާ ޢަބުދުލް ލަތީފުގެ ދަރިފުޅު އިސްމާޢީލް ޢަބުދުލް ލަތީފެވެ. މަލީޝާ ހައްޖު އެންޑް އުމުރާ ސަރވިސަސްގެ ހަވާލުގައި ހައްޖަށްދާން ފައިސާދެއްކި ބައެއް ފަރާތްތަކުން ވީނިއުސްއަށް މައުލޫމާތު ދެމުން ބުނީ މިއަހަރު މީހުން ހައްޖަށް ގެންދިޔުމަށް އެޖަމާޢަތުން ކޮންމެ މީހެއްގެ އަތުން ފަސްދޮޅަސް ނުވަހާސް ރުފިޔާ ނަގާފައިވާކަމަށެވެ. އަދި އެޖަމާޢަތުން މަސައްކަތް ކުރީ ލަންކާ މަގުން މީހުން ހައްޖަށް ގެންދިޔުމަށްކަން އެނގިފައިވާ ކަމަށާއި މިހާރު އެޖަމާއަތުގެ އެއްވެސް ފަރާތަކާއި ނުގުޅޭކަމަށްވެސް އެމީހުން ބުންޏެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ ވިދާޅުވީ މަލީޝާ ހައްޖު އެންޑް އުމުރާ ސަރވިސަސްއަކީ މީހުން ހައްޖަށް ގެންދިޔުމަށް އެމިނިސްޓްރީން ކުރިން ހުއްދަދީފައިވާ ޖަމާޢަތެއް ނަމަވެސް މިއަހަރު އެޖަމާޢަތަށް މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދޫކޮށްފައި ނުވާކަމަށެވެ. އަދި ހައްޖަށް ދެވޭ ގޮތްނުވުމުންނާއި އަނބުރާ ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން އަނގަބަހުން އެމިނިސްޓްރީއަށް ހުށައަޅާފައިވާކަމަށާއި އެހެން ނަމަވެސް ރަސްމީ ސިފައެއްގައި އަދި އެއްވެސް ފަރާތަކުން ހުށައަޅާފައި ނުވާކަމަށް ދީދީ ވިދާޅުވިއެވެ.
މަލީޝާ ހައްޖު އެންޑް އުމުރާ ސަރވިސަސްގެ ހަވާލުގައި ހައްޖަށްދާން ފައިސާދެއްކި ފަރާތްތަކަށް އެޖަމާއަތުގެ އޮފީހުން އެންމެ ފަހުން ފޮނުވާފައިވާ އެސްއެމްއެސްގައި ބުނެފައިވަނީ އެޖަމާއަތުގެ ވެރިޔާ އިސްމާއިލް އަބުދުއްލަތީފު ވީތަނެއް ނޭނގޭކަމަށާއި ހައްޖުވެރިންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ހުށައަޅައިގެން ކުރިޔަށް ގެންދިޔުމަށް އެދޭކަމަށެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި މަލީޝާ ހައްޖު އެންޑް އުމުރާ ސަރވިސަސްގެ ހަވާލުގައި ހައްޖަށްދިޔުމަށް ދުއިސައްތައެއްހާ މީހުންވަނީ ފައިސާދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ