ވިލާ ގްރޫޕާ ދެކޮޅަށް ފަތުރާ ދޮގު ވާހަކަތަކަށް ގާސިމް ރައްދު ދެއްވައިފި

ވިލާ ކުންފުނީގެ އަގުވައްޓާލަން ބަޔަކު ގަސްތުގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކަކީ ޖީއެމްއާރަށް އެއަރޕޯޓް ދިންގޮތަށް އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ އިންޓަރނޭޝަނަލް އެއަރޕޯޓް ނުވަދިހަ ނުވަ އަހަރަށް ބަޔަކަށް ކުއްޔަށްދޭން ކުރާ މަސައްކަތާއި ދެކޮޅުކަން ހާމަކުރުމުން އެބަޔަކު އައިސްފައިވާ ރުޅީގެ ނަތީޖާކަމަށް ވިލާ ގުރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ އައްޑޫ ސިޓީއަށް ތަރައްޤީ ގެނެސްދިނުމުގެ ނަމުގައި އެ ރައްޔިތުންގެ މުސްތަޤްބަލް ވިއްކާލަން ނުރުހެވޭނެ ކަމަށާއި ރާއްޖޭގައި އޮތް އިންޓަރނޭޝަނަލް ދެ އެއަރޕޯޓުން ލިބޭ މަންފާތަކުން ދިވެހި ރައްޔިތުން މަހުރޫމްކޮށް ނުވަދިހަ ނުވަ އަހަރު ވަންދެން ވަކި ބަޔަކަށް ފައިދާ ލިބޭގޮތަށް ކަންކަން ނިމިގެން ނުވާނެ ކަމަށެވެ.
އެމަނިކުފާނުގެ ބާރެއް އޮންނަ އެއްވެސް ތަނެއްގައި ރައްޔިތުންގެ ހައްޤުތަކަށް މިފަދަ ގޮތަކަށް އަރައިނުގަނެވޭނެކަމަށާއި ދައުލަތުގެ މިލްކިއްޔާތު އަންނަން އޮތް ޖީލުތަކާއި ހަމައަށް ގެނެސްދިނުމަކީ މިއަދު ދިވެހި ހުރިހާ ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ޤާނޫނީ ވާޖިބެއްކަމަށް ވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމަށް ފުރުސަތު ނުލިބުމުން އެހެން މީހުންގެ ވިޔަފާރިތައް ފުޑުފުޑުކޮށްލައި ސިޔާސީ ހަޔާތް ކަތިލަން ބަޔަކު ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށެވެ.
މިއީ ސިޔާސީ ގޮތުން ނުބައި އެޖެންޑާއެއް އޮވެގެން ތަކުރާރުކޮށް ފަތުރަމުން ގެންދާ ޚަބަރުތަކެއް ކަމަށާއި ކޮޕަރްޝަނަށް މަގުފަހިވާގޮތަށް މިހާތަނަށް ކަންކަން ކުރަމުން އައި ބައެއް މީހުން އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާމެދު ވަރަށް ބޮޑަށް ޖެހިލުންވާކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އެފަދަ ފަރާތްތަކުގެ ނޭއްގާނި ބޭނުންތަކަށް ކުރިއަށް އޮތްތާގައިވެސް ފުރުސަތު ނުދޭނެކަން ފާހަގަކުރައްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނާއި ގުޅޭގޮތުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މިހާތަނަށް އެތައްއެތައް މަޤާމެއް އަދާކުރެއްވިއިރު އެއްވެސް މީހަކަށް އެމަނިކުފާނު ކުރައްވާފައިވާ ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުދެއްކޭނެ ކަމަށެވެ.
ޒާތީ ކަންކަމުގައި ދޮގު ވާހަކަފަތުރަމުން ގެންދާނަމަ އެފަދަ ވާހަކަ ދައްކާ ފަރާތްތަކުން ކުރަމުންދާ އަދި ކޮށްފައިވާ ނުކިއްސަރު އެތައްކަމެއްގެ ވާހަކަ ހާމަކުރަންޖެހިދާނެކަމުގެ އިންޒާރުވެސް ގާސިމް ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ