ސައުދީ އަރަބިޔާއަށާއި ހައްޖުވެރިންނަށް ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރުގެ އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށް ސައޫދީ އަރަބިއްޔާގެ ދާޚިލީ ވަޒީރު ޕްރިންސް އަހުމަދު ބިން އަބްދުލް އަޒީޒް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ސޫރިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައާއެކު ހައްޖުގެ އަޅުކަމާ ދިމާކޮށް ސައޫދީގައި ހަމަނުޖެހުން ހިންގަން ސޫރިޔާ އިން މަސައްކަތްކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އަޒީޒް ވިދާޅުވީ، ހައްޖުގެ އަޅުކަމާ ދިމާކޮށް އެކަކު އެނަކަކަށް ގެއްލުން ދިނުމަށް މުސްލިމުންގެ ބަޔަކު ނުކުމެދާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށާއި އަދި މި އަޅުކަން ސިޔާސީ ހަތިޔާރަކަށް ބަދަލުކޮށް އޭގެ ފައިދާ ނަގަން ބަޔަކު މަސައްކަތްކޮށްފިނަމަ އޭގެ ނަތީޖާ ވެސް ހިތިވާނެ ކަމަށެވެ.
އަޒީޒު ވިދާޅުވީ، ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް ކަމުގައިވިޔަސް އަދި އެހެން ތަނެއްގައި ހިނގަމުންދާ ހަމަނުޖެހުންތަކެއް ކަމަށް ވިޔަސް ހައްޖުވެރިއެއްގެ ގޮތުގައި މައްކާއަށް އެތެރެވުމަށް ފަހު އޭގެ ފައިދާ ސިޔާސީ ގޮތުން ނަގަން މަސައްކަތްކުރާ ކޮންމެ މީހަކު އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ.
ސަރަހައްދުގެ ހަމަނުޖެހުންތަކާ އެކު ސީރިއާ އާއި ސައޫދީގެ ގުޅުން ގޯސްވެފައިވާއިރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސީރިއާ އިން އެއްވެސް ބަޔަކަށް ސައުދީ އަށް އެތެރެ ނުވެވޭ ގޮތް ހަދާފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ފެތުރިފަ އެވެ. ނަމަވެސް ސައޫދީން އެކަން ދޮގުކުރެ އެވެ.
ސައޫދީން ލުބްނާނަށް ކަނޑައަޅާފައި ހުންނަ މަންދޫބު ވިދާޅުވެފައި ވަނީ ލުބްނާނާއި ތުރުކީ އަދި އުރުދުންގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އަންނަ ސޫރިޔާގެ ރައްޔިތުންގެ ތެރެއިން ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކަށް އެފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ.
ކުރިއަށް އޮތް ހައްޖުގެ އަޅުކަމާ ދިމާކޮށް ސައޫދީގެ ސުންނީ ސަރުކާރާ ދެކޮޅަށް ޝީއީން އަޑުގަދަކޮށް ހަޅުތާލުކުރުމުގެ ބިރު ބޮޑުވެފައިވާއިރު، އަރަބި ގައުމުތަކުގެ މެދުގައި ވަނީ ސޫރިޔާގެ މައްސަލައާ އެކު ސުންނީންނާއި ޝީއީންގެ ވަރުގަދަ ކުރިމަތިލުމެއް ފަށާފަ އެވެ.
ސޫރިޔާ ހަނގުރާމައިގެ ބިރުވެރިކަން ހައްޖުވެރިންނަކަށް ނެތް: ޕްރިންސް އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ